ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކުރީ ސަރުކާރު، މި ސަރުކާރު“ ގެ ބަހުސް ރައްޔިތުން ބޭނުމެއް ނޫން: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ބޭނުންވަނީ ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައެއްގައި އަވަސް ފިޔަވަޅު އެޅުންކަމަށާއި، ކުރީ ސަރުކާރާއި މި ސަރުކާރު ކިޔުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެސަން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ހާއްސަ އޮޑިޓުން މިދިޔަ ސަރުކާރުގައި ހިނގާފައި ހުރި ގިނަ ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިވެފައިވާއިރު، 2019 ވަނަ އަހަރުން ފެށިގެން ފެނަކައިގެ މާލީ ހާލަތު ދަށްވަމުން ގޮސްފައިވާކަމަށް ރިޕޯޓުގައި ބުނެ އެވެ. 2021 އިން 2023 އަށް 8.83 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތަށް ހަރަދުކޮށްފައިވާއިރު، 2023 ނިމުނުއިރު 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުރިކަމަށް ރިޕޯޓުން އެނގެ އެވެ. އޮޑިޓު ރިޕޯޓުގައި ވަނީ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އާއިލީ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދިނުމާއި، ވާދަވެރި ބީލަމަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން ފަދަ ކަންކަން ހިމެނޭކަން ފާހަގަކޮށްފަ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި ޒިޔާދު ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައެއްގައި އަވަސް ފިޔަވަޅު އެޅުންކަމަށާއި، ކުރީ ސަރުކާރާއި މި ސަރުކާރު ކިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ގޯސްކަމެއްކޮށްފައި ހުރިނަމަ، އެކަން މިހާރުވެސް ބަލައި، ތަހުގީގުތައް ފުރިހަމަކުރަން ޒިޔާދު ގޮވާލެއްވިއިރު، މިއީ ބަދަލުހިފުމުގެ ރޫހެއްގައި، ސިޔާސީ ގޮތުން ކުރާ މަސައްކަތަކަށް ވެގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެއްވެސް އިހުލާސްތެރިކަމެއް ނެތި، ވަކި މައްސަލައެއް ބެލުމަކީ ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަން ދޭހަވާކަމެއްކަމަށް ޒިޔާދު ވިދާޅުވި އެވެ. މިކަމުގެ މިސާލެއްގެ ގޮތުން ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލަ ފާހަގަކުރައްވައި ޒިޔާދު ސުވާލުކުރެއްވީ 24 ގަޑިއިރު ސީސީޓީވީ ކެމެރާއިން ބަލަހައްޓަމުންދާ ތަނަކުން، 40 ފޫޓުގެ ދެ ބޮޑު ކޮންޓެއިނަރެއް ގެއްލުމުން، އެ ޒިންމާ ނަގަން ޖެހޭނީ ކާކުތޯ އެވެ.

ޒިޔާދު ވިދާޅުވީ އެ ސަރުކާރެއްގައި ހިނގާ ކޮރަޕްޝަނުގެ މައްސަލައެއް ބަލަން ޖެހޭނީ އެ ވެރިކަމެއްގައި ކަމަށެވެ. އެ ނޫނީ އޭސީސީއާއި، އޮޑިޓަރ ޖެނެރަލްއަށް ބޮޑު ބަޖެޓެއް ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ އަބަދުވެސް ދެކެވޭ ވާހަކައަކީ، ރައްޔިތުންގެ ޓެކްސް ފައިސާ ރަނގަޅު ގޮތުގައި ބޭނުން ނުކުރުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އެއީ ސިޔާސީ ހަސަދައެއް ފިލުވާލުމަށް ބޭނުން ކުރާ ފައިސާއަކަށް ވެގެން ނުވާނެކަމަށް ޒިޔާދު ވިދާޅުވި އެވެ.

މީގެއިތުރުން ކޮރަޕްޝަނާއި އެ ނޫން ވެސް މައްސަލަތައް ބެލުމަށް ގާނޫނާއި ގަވައިދުތައް އެކުލަވާލައި އަބަދުވެސް އަވަސް ބަދަލުތައް ގެންނަމުންދާކަން ޒިޔާދު ފާހަގަކުރެއްވި އެވެ. ޒިޔާދު ވިދާޅުވީ ރަނގަޅު ގޮތުގައި މިނިވަން މުވައްސަސާތައް ފަންކްޝަން ކުރަން ޖެހޭކަމަށާއި، އެގޮތަށް މަސައްކަތް ނުކުރެވޭނަމަ ބޭރުގެ ފާމްތަކަށް ފައިސާދީ އިންސާފުވެރިކަމާއި އެކު އޮޑިޓު ކުރުން ވެސް މާ ރަނގަޅު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: