ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީ ނަމުގައި ގުދުރަތީ ތަންތަނަށް ނަން ދިނުމަށް ޚާއްސަ ކޮމިޓީއެއް އުފައްދަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރި އިއުލާނެއްގައެވެ. ފިނޭންސް މިނިސްޓްރީން ވަނީ ގުދުރަތީ ތަންތަނަށް ނަންކިޔުމުގެ އުސޫލެއް އާންމުކޮށްފައެވެ.
އެ އުސޫލަކީ، ގުދުރަތީ ތަންތަނުގެ ތެރެއިން ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ ރަސްމީ ނަމެއް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާ އުސޫލުކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފައިވެއެވެ.
އެ އުސޫލުގެ މަގުސަދަކީ ގުދުރަތީ ތަންތަނަށް ނަން ކިޔުމަށްޓަކައި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ނަން ކިޔުމުގައި އަމަލުކުރާނެ ހަަމަތަކާއި އިޖުރާތުތައް ބަޔާންކުރުން ކަމަށް އިއުލާނުގައިވެއެވެ.
އުސޫލަށް މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފަށައިފައިވާއިރު، ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީ އުފައްދާފައިވަނީވެސް މި އުސޫލުގެ ދަށުންނެވެ.
އެ ކޮމިޓީގައި ތިބޭނީ:
- ރައީސް އޮފީހުން ކަނޑައަޅާ ފަރާތެއް
- ބިން ސާވޭކޮށް ޗާޓް ހެދުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
- ތަރައްގީގެ ރޭވުންތެރިކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
- ދިވެހި ބަހުގެ އެކަޑަމީގެ މެންބަރެއް
- އެންވަޔަރަމެންޓް މިނިސްޓްރީގެ މެންބަރެއް
- އެގްރިކަލްޗާ މިނިސްޓްރީގެ މެންބަރެއް
- ލޯކަލް ގަވަމެންޓް އޮތޯރިޓީގެ މެންބަރެއް
- ހޯމް މިނިސްޓްރީގެ މެންބަރެއް
- ޑިފެންސް މިނިސްޓްރީގެ މެންބަރެއް
ތަނަކަށް ނަން ދިނުމަށް އެދޭނަމަ، ޖެހޭނީ ދައުލަތުގެ އޮފީސްތަކުންނާއި އަމިއްލަ ފަރާތްތަކުން ފޯމެއް މެދުވެރިކޮށް، މިނިސްޓްރީގައި އެދޭށެވެ. ނަމަވެސް، ރަށަކަށް ނުވަތަ ފަޅަކަށް ނުވަތަ ފަޅަކަށް ދީފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކަށް ނުވަތަ އެ ތަނެއް ކުއްޔަށް ހިފާފައިވާ ފަރާތަކަށް ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށް އެކަނި ކަމަށް އުސޫލުގައިވެއެވެ.
ހުށައަޅާ ނަން ފާސްކުރާއިރު، ބަލަން ޖެހޭ ޝަރުތުތަކެއް ހިމަނާފައިވާއިރު، ދިވެހިބަހުން ކިޔާ ނަމެއް ކަމުގައިވާން ޖެހެއެވެ. އަދި އާންމު އިޖުތިމާޢީ މިންގަނޑުތަކަށާއި އަޚުލާގީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމުގައިވުންވެސް ހިމެނެއެވެ. މިގޮތަށް ނަން ދޭއިރު، މީހަކަށް ކިޔާ ނަމަކަށް ނުވުން ނުވަތަ އެހެން ތަނަކަށް ކިޔައިފައިވާ ނަމަކަށް ވެގެން ނުވާނެއެވެ.
ދުރަތީ ތަނަކަށް ކިޔާނެ ނަން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ދިރާސާކުރުމަށް ފަހު، 15 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުވަން ޖެހެއެވެ. ކޮމިޓީއިން ގޮތް ނިންމުމަށް ލިބެނީވެސް 15 ދުވަހެވެ. ކޮމިޓީން ނަމެއް ފާސްކޮށްފި ނަމަ، އެ ނަން އާންމުކޮށް އިއުލާންކުރަން ޖެހެނީ ފިނޭންސް މިނިސްޓްރީއިންނެވެ.
މި އުސޫލުގެ ދަށުން ކޮމިޓީއިން ނަން ދޭއިރު، އެ ތަނެއްގެ ގުދުރަތީ އުމުރާއި އެ ތަނެއްގެ ނުވަތަ ސަރަހައްދެއްގެ ތާރީޚާއި އެ ތަނެއް އޮތް ތަން ބަލަން ޖެހެއެވެ. އަދި އެ ތަނެއް އުފެދުމުގައި ހުރި ސިފަތަކަށާއި، އެ ތަނެއްގެ ކުޑަބޮޑު މިނަށް ވެސް، ނަން ކިޔުމުގައި ބަލަން ޖެހެއެވެ.

