ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ ހަލީލްގެ މިސްރު ދަތުރު: މަޝްވަރާތަކާއިއެކު މުހިންމު އެއްބަސްވުންތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޚާރިޖީ ވަޒީރު ޑރ.ޢަބްދުالله ޚަލީލް މިހާރު މިޞްރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދުރު ޢަބްދުލްލަޠީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ތަޙްރީރު ޕެލެސްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މިޞްރާއި ދެމެދު  ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުންވެސް އަލިއަޅުވާލައްވައި، ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިންސާނީ ވަޞީލަތް ބިނާ ކުރުމަށް މިޞްރު ސަރުކާރުން ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ވަކީން ހާއްސަކޮށް މިޞްރުގެ އަލް-އަޒްހަރު ޔުނިވާރސިޓީން ފޯރުކޮށްދެއްވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް މިނިސްޓަރގެ ވާހަކަފުޅުގައި ޝުކުރުއަދާ ކުރެއްވިއެވެ.

އަދި އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއް ގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ސިއްޙީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އަދި ދަނޑުވެރިކަމާގުޅޭ ގޮތުން ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މިނިސްޓަރ ޑރ. ޚަލީލު، މިޞުރުގެ ފޮރިން މިނިސްޓަރއާ މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުންވެސް ދެ ޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދީ ދެ ޤައުމުގެ މަޞްލަޙަތުތައް ކުރިއެރުވުމަށާއި ދިވެހިރާއްޖެއާއި މިޞްރާ ދެމެދު ފަރުދުންގެ ފެންވަރުގައި ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ބައިނަލްއަޤްވާމީ މަޝްރަހުގައި އަދި ވަކީން ހާއްސަކޮށް ޢައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިޞްރުން އަދާކުރެއްވި އިސް ދައުރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާކަން މިނިސްޓަރ ހާމަކުރައްވައި، މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވިއެވެ.

މިޞްރުގައި ބޭއްވި  ޣައްޒާގެ ސުލްހައާ ގުޅޭ ސަމިޓު، އަދި އެޔަށްފަހު ސޮއި ކުރެވުނު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިއުމުގައި މިޞްރުން އަދާކުރި ދައުރަށް މަރުހަބާ ދެންނެވިއެވެ. މި އެއްބަސްވުމަކީ ދާއިމީ ހަމަޖެހުމެއް ގެނެސްދީ ފަލަސްތީނުގެ ރައްޔިތުން އެތައް އަހަރުތަކެއް ވަންދެން ކެނޑިނޭޅި ތަޙައްމަލު ކުރަމުންދިޔަ ވޭނަށް ކުޑަމިންވަރެއްގެ ލުޔެއް ލިބުނު ކަމެއްކަމަށާއި، އަދި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގެނެސްދިނުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ބައިނަލްއަޤްވާމީ މަންސަތަކުގައި ދެމެހެއްޓެނިވި ތަރައްޤީއާއި ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތަކާގުޅޭގޮތުން ދެޤައުމުގެ ދެމެދު އެއްބާރުލުން ދިނުމާގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް 56 އަހަރު ވީ ބަދަހި ގުޅުން ރަމްޒުކޮށްދޭ، އަދި މި ގުޅުން ދަމަހައްޓަން ދެ ޤައުމުންވެސް ދެއްވާ އަހައްމިޔަތު ހާމަވެގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި  އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: