ޕީޕަލްސް ނޭޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ދާއިމީ މަގާމުތަކަށް މެމްބަރުން ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ.
ޕީއެންއެފްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް އޮކްޓޯބަރު 30ގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޕާޓީގެ ދާއިމީ މަގާމްތަކަށް މެމްބަރުން އިންތިހާބު ކުރުމަށްވެސް އެދުވަހު ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން އެ ޕާޓީން ހުޅުވާލައިފައިވާ މަގާމްތަކުގެ ތެރޭގައި، ޕާޓީގެ ރައީސް، ނައިބުރައީސް، ސެކެރަޓަރީ ޖެނެރަލް، ރެޖިސްޓްރަރ، ހަޒާންދާރު އަދި ސެނެޓު މެމްބަރުން ހިމެނެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ 23 އޮކްޓޫބަރުވާ ދުވަހުގެ 18:00ގެ ނިޔަލަށެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ބޭއްވީ އޭޕްރިލް 10 ވަނަ ދުވަހުގެ ރެއެވެ. ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާ ޣިޔާސުއްދީން ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނިކޮށް އެ ޖަލްސާ ފުލުހުން ވަނީ އެދުވަހު ހުއްޓުވައިފައެވެ.
އެ ޖަލްސާ ރާޅުގަނޑު ސަރަހއްދުގައި ބާއްވާފައިވާއިރު ޕީއެންއެފްގެ ވަގުތީ ރައީސަކަށް އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވަނީ އިންތިހާބުކޮށްފައެވެ. އެ ޖަލްސާގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު ޒޭން އިންތިހާބުކޮށްފައި ވަނީ އެ މެންބަރުންގެ އިއްތިފާގުންނެވެ.

