އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާއި ގުޅޭގޮތުން އަވަސް އަރުވާލައި ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެން ސަރުކާރަށް އޮތްކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ބޭނުންކަމަށް ބުނެ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ކެމްޕެއިން ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި މިދިޔަ ސަރުކާރުގައި ވެސް އެކަމާއި ގުޅޭ ޕެޓިޝަނެއްގައިޮ ސޮއިކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
އޭގެފަހުން ކައުންސިލް އިންތިހާބު ކުރިޔަށް މި ބަދަލު ގެންނަން ބޭނުންވާކަމަށް ފާހަގަކޮށް، ރައީސް މުއިއްޒަށް އައްޑޫ ފޭދޫއިން ވެސް ހުށަހެޅި އެވެ. އެހެންވެ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް އިއުލާނު ކުރެއްވީ އެވެ.
އަންނަ ހޮނިހިރު ދުވަހު ނަގާ މި ވޯޓަށް، އައްޑޫގެ އެކި ދާއިރާތަކުގެ މެމްބަރުންގެ ހިޔާލު ވެސް ތަފާތެވެ. އަދި ޕިއެންސީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުއިރު، ސަރުކާރުން ވަނީ މި ވޯޓުގައި ވަކި ސްޓޭންޑެއް ނެތްކަމަށް އިއުލާނުކޮށްފަ އެވެ.
މި ވޯޓަކީ އެމްޑީޕީ ތުހުމަތު ކުރާ ގޮތުގައި، ސިޔާސީ ބޭނުމެއްގައި ކުރާ މަސައްކަތެކެވެ. އަދި ވޯޓާއި ގުޅޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، އައްޑޫ ރެފަރަންޑަމްގެ ނަތީޖާއިން ނިކުންނާނެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ސާފު މައުލޫމާތު ދޭން ޖެހޭކަމަށެވެ. ފައްޔާޒް ވިދާޅުވި ގޮތުގައި މިކަންކަން ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނައުމުގެ ޖާގަވެސް އެބައޮތެވެ.
ފައްޔާޒް ވިދާޅުވީ އައްޑޫގެ ރިފަރަންޑަމްއާއި ގުޅޭގޮތުން އައްޑޫގެ ވަރަށް ގިނަ އެމްޑީޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްވަރާތަކުން ހާމަވި ގޮތުގައި، ސަރުކާރުން ރިފަރަންޑަމް ނަގަން އުޅޭ ގޮތާމެދު ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރިކަމަށް ވިދާޅުވި އެވެ. އެގޮތުން އެތައް ސުވާލުތަކެއް އެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ފައްޔާޒް ވިދާޅުވި ގޮތުގައި ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން މިހާރު އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ ނުވަތަ އޭގެ ސަބަބުން އެ ތަކުލީފުތައް އިތުރުވެގެންގޮސްދާނެތޯ އެވެ. އަދި ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނިކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިންމުކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، މިކަންކަން ނުކޮށް އަވަސް އަރުވާލައި ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫގެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެން ސަރުކާރަށް އޮތް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ، ރިފަރަންޑަމްގައި ރަށްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރުމަށް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

