ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވާހަކަތައް ނުދައްކާ ނުވަނީ އެ ސަރުކާރުގައި ވަރަށް ނުބައިކޮށް އަމަލުކޮށްފައި އޮތުމުންކަމަށް ރައްޔިތުންގެ މަޖިލީޙުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، މި ވެރިކަން ފެށުނުއިރު ތެލެސީމިއާ ކުދިންނަށް ވަރަށް ބޮޑެތި ދަތިތައް ތަހައްމަލު ކުރަންޖެހިފައި ހުރިކަމަށެވެ. އެހެންކަމުން ސަރުކާރުންވަނީ އެކަންކަމަށް ހައްލެއް ގެނައުމަށްޓަކައި ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ހިދުމަތްތަކަށް ހާއްސަ ތަނެއް ހުޅުވައި އެތަނުގެ އަމަލީ މަސައްކަތްތައް ފަށާފައިކަމަށެވެ.
ފަލާހު ވިދާޅުވީ، އެކަމުން އެނގެނީ މިއަދުގެ ސަރުކާރުން ހާއްސަ ގޮތެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެފަދަ ކަންކަމަށް ދެއްވާ ސަމާލުކަން ކަމަށެވެ. އެހެންކަމުން މަޖިލީހަށް ގަރާރުތަކާއި ކުއްލި މައްސަލަތަކާއި ގާނޫނީ އިސްލާހުތައް ހުށައަޅާއިރު ވަރަށް ރަނގަޅަށް ކަންކަން ދިރާސާކުރުން މުހިންމުކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
ޕެޝަންޝަން ފަންޑުގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ފަންޑުގެ ބޭނުންކުރާ ގޮތްތައް ދެނެގަންނަން ޖެހޭކަމަށެވެ. އަދި ބައެއް މެމްބަރުންގެ ފަރާތުން އެ ފަންޑު މެދުވެރިކޮށް ހާއްސަ ބަލިތަކަށް ފަރުވާކުރުމުގެ ފުރުސަތު އޮންނަންޖެހޭކަމަށް ދޭހަކޮށް ވާހަކަތައް އިވިގެންދާއިރު އެކަމަކީ އާސަންދައާއި އެންސްޕާ މެދުވެރިކޮށް ހަމަޖެހިފައިވާ އިންތިޒާމުތަކެއް ކަމަށެވެ.
މެމްބަރު ވިދާޅުވީ، އެ ހިދުމަތްތައް މިހާރުވެސް ދެމުންދާއިރު އެފަދަ މަސައްކަތްތަކެއްގައި ދަތިތަކެއް ކުރިމަތިވެފައިވާނަމަ އެކަމުގެ ސަބަބު ބަލާލަންޖެހޭކަމަށެވެ. މަޖިލީހުގައި ވާހަކަދައްކާއިރު އެއްގޮތަކަށްވެސް ނިމިދިޔަ ސަރުކާރުގެ ވާހަކަތައް ނުދެއްކުމަށް އެދޭ އަޑުތައް އިވިގެންދާކަމަށްވެސް އިޝާރާތްކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވާހަކަތައް ނުދައްކާ ފަރުނުޖެހެނީ އެ ސަރުކާރުގައި ކަންކަން ކޮށްފައި ހުރި ގޮތުންކަމަށެވެ.
ފަލާހު ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ގޯސްތަކެއް ހަދައިފި ހާލަތެއްގައި ކުރިއަށް އޮތް މަޖިލީހުގައި އެ ވާހަކަތައް އިވިގެންދާނެކަމަށާއި އެ ސަރުކާރުގެ ވާހަކަތައް ނުދައްކާ ނިންމާލެވެން ނެތީ ވަރަށް ނުބައިކޮށް ކަންކަން ކޮށްފައި އޮތުމުންކަމަށެވެ.

