ލޭ ނުލިބިގެން އާންމު ރައްޔިތުން ސަލާންޖަހަން ނުޖެހޭނެ ކަމަށާއި، އެއީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ ކަމެއްކަމަށް ގަލޮޅު އުތުރުދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މެމްބަރު މުހައްމަދު އިބްރާހިމް ހުށައަޅުއްވާފައިވާ ދިވެހިރާއްޖޭގައި ލޭ ހޯދުމަށް ނުހަނު ދަތިވާކަން ފާހަގަކޮށް އެ މައްސަލަ ހައްލުކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކޭގޮތް ބެލުމަށ ގަރާރު ހުށައަޅާފައިވާއިރު، އެ ގަރާރަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ މެމްބަރު އިބްރާހިމްއެވެ.
މި ގަރާރާއި ގުޅިގެން މެމްބަރު ވިދާޅުވީ މިއަދު ދައްކަވަނީ ގާނޫނެއްގެ ދަށުން ކުރަންޖެހޭ ކަމެއް ނުކުރާ ވާހަކަ ކަމަށެވެ. މެމްބަރު ވިދާޅުވީ އޮފީހެއް އުފެއްދިޔަސް މިކަން ނުނިމޭނެ ކަމަށާއި އެކަށީގެންވާ ގޮތަށް މަސައްކަތް ކުރެވޭނެ ގާނޫނެއް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. މެމްބަރު ވިދާޅުވީ އެކިއެކި ނަންނަމުގައި ސިޔާސީ މުވައްޒަފުން ވައްދައިގެން ކުރާކަމެއް ބަލަންޖެހޭ ކަމަށެވެ.
މޯލްޑިވިއަން ބްލަޑް ސާވިސް އަދި ނޭޝަނަލް ބްލަޑް ކައުންސިލަށް ފެބްރުއަރީ 24ވަނަ ދުވަހު ބައްދަލުކުރައްވާފައިވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ އެދުވަހު މި މަސައްކަތް ކުރައްވާނެ ކަމަށް އެބޭފުޅުން ވިދާޅުވީ ކަމަށާއި، އެހެނަނަމަވެސް އެމަސައްކަތް ކޮށްފައިވާނަމަ މިއަދު މަޖިލީހަށް މައްސަލަ ގެންނާން ނުޖެހުނީސް ކަމަށެވެ.
”އޭގެ ފަހުން 16 ޖޫންގައި މިކަމަށް ހައްލެއް ލިބޭތޯ އެދި މި އިއްޒަތްތެރި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިކަމާއި ގުޅުންހުރި ޕްރެސެންޓޭޝަނެއް އަޅުގަނޑު ހުށައަޅަން ފުރުސަތަކަށް އެދުނިން. މިއީ އޭގެ ހަތަރުމަސް ފަސް. އަދި ހަބަރެއް ނުވޭ. މިއީ ރައްޔިތުންގެ މަޖިލިސް، ދެން އަޅުގަނޑުމެން މި މައްސަލަ ހުށައަޅާނީ ގެންދާނީ ކޮންހިސާބަކަށްތޯ. މިއީ ރައްޔިތުންނާއި ގުޅުންހުރި ކަންކަން. މިކަމެއް ހައްލެއް ނުކުރެވޭ. އަޅުގަނޑުމެން އެއްދުވަހު ޓައި ނާޅާ އައިމާ އެކަން ހައްލުކޮށްލަން ނެގީ މަދު ދުވަސްކޮޅެއް. އެ މާ މުހިންމު ކަމަކަށް ވެއްޖެ. މިއަށްވުރެ ހައްސާސް ކަމެއް އޮއްވާ“
މެމްބަރު ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުން ދުވާލަކު 40 މީހުންގެ ގަޔަށް ލޭ އަޅާ ކަމަށާއި އެއީ މަދު އަދަދެއް ނޫން ކަމަށެވެ. އެކަމުގައިވެސް ސަލާންޖަހަން ޖެހެނީ އަމިއްލަ ފަރާތްތައް ކަމަށާއި، މިއީ ދައުލަތުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ ދައްކަވަނީ ލޭ ހޯދާ ވާހަކަ ކަމަށާއި އެއަށްވުރެ މުހިންމު ކަމެއް އޮވެގެން ނުވާނެ ކަމަށެވެ.
މީގެއިތުރަށް މެމްބަރު ވަނީ މަޖިލީހުގައި ރައްޔިތުންނާއި ގުޅޭ މަސައްކަތްތައް ކުރެވެނީ ކިހާ މިންވަރަކަށްތޯ ސުވާލުއުފައްދާފައެވެ. މެމްބަރު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ހަމައެކަނި އިދިކޮޅުޕާޓީއެއްގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންގެ ވެސް ޒިންމާއެއް ކަމަށެވެ.

