ސަރުކާރުގެ ނޭދެވޭ އަމަލުތަކުގައި ބައިވެރިވުމަށް ހުރިހާ ސިވިލް ސަވިސް މުއައްޒަފުންވެސް ދެކޮޅު ހަދަންޖެހޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޕެންޝަން ބޯޑުގެ މުއައްޒަފަކު ވަޒީފާއިން އަމިއްލައަށް ވަކިވި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވެފައިވަނީ، ”ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދެމެހެއްޓެނިވިކަން ނުރައްކަލުގެ ތެރެއަށް ވަނީ ހުށަހެޅިފައި“ ކަމަށެވެ. އަދި މި ހާލަތުގައި ފަންނީ މީހުން އަމިއްލަ ނަފްސުގެ މަންފާގެ ބަދަލުގައި އިޚްލާޞްތެރިކަން އިސްކުރުމަށް ނިންމާ މަންޒަރު ފެނިގެންދިއުމަކީ އުފާކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އެދޭނަމަ އެކަން ހާސިލުވާނީ ގުރުބާނީތަކެއް ވެގެންނެވެ. މީގެ ތެރޭގައި ނަފްސުގެ ގުރުބާނީތަކާއި ބަޔަކު މީހުން ގުޅިގެން ވާންޖެހޭ ގުރުބާނީތައްވެސް ހިމެނެއެވެ.
ޕެންޝަން ބޯޑުގެ މުއައްޒަފު އިސްތިއުފާ ދިނުމަށް ނިންމި ނިންމުމަށް ތަރުހީބު ދެއްވަމުން، ފައްޔާޒް ވަނީ ހުރިހާ ސިވިލް ސާވަންޓުންވެސް މިފަދަ ނިންމުންތައް ނިންމައި، ސަރުކާރުން ހިންގާ ނޭދެވޭ އަމަލުތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދުމަށް ގޮވާލައްވާފައެވެ.
އިސްތިއުފާ ދިން މުވައްޒަފު އެކްސްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، އޭނާ މަގާމުން އިސްތިއުފާ ދޭން ނިންމީ އެމްއެމްއޭ ފައިނޭންސް ބޮންޑުގެ މަސައްކަތްތަކާއިގެން ކުރިއަށް ދިއުމަށް އެ މުއައްސަސާއިން ނިންމާފައިވާތީއެވެ.

