ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބައު ދަނގަނޑުގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 14 ބިދޭސީއަކު ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވުނު މި އޮޕަރޭޝަން ވަނީ ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ސަރުކާރުން މިހާރު ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި “ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް” އުފައްދާ، މި މަސައްކަތް ކުރިއަށް ގެންދަން ފަށާފައެވެ. މި ޓާސްކްފޯސްގެ މައިގަނޑު މަޤްސަދަކީ ޤަވާއިދުތަކަށް ބޯނުލަބާ ރާއްޖޭގައި އުޅޭ ބިދޭސީންނާއި، ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ. މި މަސައްކަތުގެ ދަށުން އިމިގްރޭޝަނުން ދަނީ އެންފޯސްމަންޓް އޮޕަރޭޝަންތައް ބާރުގަދަކޮށް ކުރިއަށް ގެންދަމުންނެވެ.
ހުޅުމާލެ ފޭސް 1 ގައި ހިމެނޭ ބައު ދަނގަނޑުގެ ވިޔަފާރިކުރާ ތަންތަނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މި ޚާއްސަ އޮޕަރޭޝަނުގައި ޖުމްލަ 21 މީހަކު ޗެކުކޮށްފައިވެއެވެ. އޭގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ 14 ބިދޭސީއަކު ވަނީ ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނެފައިވާގޮތުގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، އެ ވިޔަފާރިތަކުގައި ޝާމިލްވާ ބިދޭސީން އަނބުރާ އެމީހުންގެ އަމިއްލަ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވެސް އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ.
އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ މައްސަލަތަކުގެ ތެރޭގައި، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާ މީހުން ހިމެނެއެވެ.
އިމިގްރޭޝަނުން ފާހަގަކުރާގޮތުގައި ޤަވާއިދާ ޚިލާފަށް ‘އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށް އާމްދަނީ ހޯދުމާއި، އަމިއްލަ ވިޔަފާރިތަކުން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ވަނީ ފާހަގަވެފައެވެ.
މިފަދަ ޤަވާއިދާ ޚިލާފު ހަރަކާތްތައް ހުއްޓުވުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތައް އަދި އާންމު ރައްޔިތުންވެސް މިކަމުގައި ޒިންމާދާރު ރޯލެއް އަދާކުރުމަކީ މުހިއްމު ކަމެއްކަމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ޤަވާއިދުތަކަށް ބޯލެނބުމާއި، ރާއްޖޭގެ ޤާނޫނުތަކާއި ކަރަންޓީނު ޤަވާއިދުތަކަށް އިޙުތިރާމު ކުރަންޖެހޭނެކަން އިމިގްރޭޝަނުން އަލިއަޅުވާލާފައިވެއެވެ.

