މި ސަރުކާރުން ކޯޓުތައް މިނިވަންކޮށް މަސައްކަތް ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކޮށްދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، ނިޒާމުގެ ތެރެއިން ރާއްޖޭގައި އިދާރާތައް އުފައްދައި ހިންގަމުން ދިޔަ ނަމަވެސް، ރާއްޖޭގައި ޝަރުއީ ކޯޓުތައް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް ކޯޓުތައް ހިންގަމުންދަނީ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ ޒަމާނުގައި ހަދާފައިވާ ކުދި ކޮޓަރިތަކުގައިކަމަށް މެމްބަރު ވިދާޅުވިއެވެ.
ކިހިނެއްތޯ އެގޮތަށް ކުދިކުދި ކޮޓަރިތަކުގައި ޝަރީއަތްތައް ހިންގާނީ، ނުކުރެވޭނެ އިނގޭތޯ
ޝަރީފް ވިދާޅުވީ، އެކަށީގެންވާ ގޮތެއްގައި ކޯޓުތައް ހިންގަން ބޭނުންވާނަމަ ދައުލަތުން އެ ކަންކަން ފަހިކޮށްދޭން ޖެހޭ ކަމަށާއި، ކޯޓުތަކަށް އެކަށީގެންވާ ޖާގައާއި ވަސީލަތްތައްވެސް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާރު ކްރިމިނަލް ކޯޓަށް ޖާގަ ހަމަޖައްސައިދީފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މި ސަރުކާރުން ކޯޓުތައް މިނިވަންކޮށް މަސައްކަތް ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކޮށްދެމުންދާ ކަމަށާއި، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލު ޤާއިމުކޮށްދީފައިވާ ކަމަށެވެ.
މިއަދު ސިސްޓަމް ރަނގަޅުކުރި، އަދި މިނިވަންކޮށް ކޯޓުތަކުގައި މަސައްކަތް ކުރެވޭނެ މާހައުލު ވަނީ ޤާއިމު ކޮށްދީފައި
ކަން އެހެން ހުރުމާއެކު، މިއަދު ކޯޓުތަކަށް މީހުން ގެންދާ މިންވަރުވެސް އިތުރުވެދާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
ހުޅުމާލޭގައި އަލަށް ޢިމާރާތްކުރެވުނު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވާފައިވާއިރު، މި އިމާރާތަކީ ޖަސްޓިސް ބިލްޑިންގް އެނެކްސްގެ ގޮތުގައި ހުޅުވުނު އިމާރާތެކެވެ. މި އިމާރާތުގައި ޤާއިމްކުރެވިފައިވާ 15 ކޯޓު ރޫމްގައި ޝަރީޢަތްތައް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވަނީ ޤާއިމްކުރެވިފައެވެ.

