ދިވެހިން އެހެން ގައުމުތަކުގައި އުޅޭއިރު ލިބޭ އިނާޔަތްތައް، ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށްވެސް ލިބެން ޖެހޭނެކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޢަފޫރު މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ، ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
ޢަފޫރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ކުރާ އުސޫލުން މިކަމުގައި ރާއްޖެއިންވެސް އަމަލު ކުރަން ޖެހޭކަމަށެވެ.
މި މައްސަލައިގެ ތަކުލީފު އުފުލަން ޖެހިފައިވާ އާއިލާތައް ވަރަށް ގިނަކަމަށް ފާހަގަކޮށް ޢަފޫރު ވިދާޅުވީ އެހެންކަމުން މި މައްސަލއިގަިއ ރަނގަޅު ދިރާސާއެއް މުހިންމުކަމަށެވެ.
ރާއްޖޭގައި އުޅޭ ގިނަ ދުވަސްވެފައި ތިބޭ މީހުން ދިވެހި ރައްޔިތުންނަށްވުމުގައި ގެންގުޅޭ އުސޫލަކީވެސް ގިނަ ދުވަސްތަކެއްވެފައި އޮތް، ބަދަލު ގެންނަން ޖެހޭ އުސޫލެއްކަމަށް ޢަފޫރު ވިދާޅުވިއެވެ.
މިކަމުގައިވެސް އަޅުގަނޑުމެން އެބަ ޖެހޭ ރަނގަޅު ހައްލުތަކެއް ހޯދަން، އިއްޒަތްތެރި ރައީސް. ރާއްޖޭގެ ރައްޔިތުން ބޭރު މީހުންނާއި އިނދެގެން ގޮސް އެ ގައުމުގައި ދިރިއުޅޭއިރުގައި މި ހުރިހާ އިނާޔަތެއް ލިބޭއިރުގައި، ހަމަހަމަ އިނާޔަތްތަކެއް ރާއްޖޭޣައިވެސް ހަމަ ލިބޭޏެ އުސޫލުތަކެއް ގާއިމްކޮށްފައި އޮތުމަކީ މުހިންމުކަމެއް އިއްޒަތްތެރި ރައީސް.
ޢަފޫރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެހެން ގައުމުތަކުގައި އުޅޭއިރު، ލިބޭ އިނާޔަތްތަކާއި ހުރިހާ ކަންތައްތަކެއް، ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށްވެސް އޮންނަން ޖެހޭނެކަމަށެވެ. ކޮމިޓީ މަރުހަލާގައި މި ގަރާރުގައި ހުރި ކަންތައްތަކަށް މުހިންމު ފިޔަވަޅުތަކެއް ދެނެގަންނަން ޖެހޭކަމަށް ޢަފޫރު ވިދާޅުވިއެވެ.

