ގިނަ މަޝްރޫޢުތަކެއް ފެށުމުގެ މަސައްކަތްތައް ކުރިއަށްދަނީ ކައުންސިލު އިންތިހާބު ކާމިޔާބުކުރުމުގެ މަގުސަދުގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ރިޔާޒް ވިދާޅުވީ، ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު އެ މަގާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ކެމްޕެއިން ދަތުރުތަކެއް ކުރެއްވިކަމަށެވެ. އަދި ކުރެއްވި ޒިޔާރަތުގެ ތެރެއިން ފެނިގެންދިޔަ ކަންކަމަށާއި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ކޮންމެ ރަށެއްގައިވެސް ކުރާނެ ކަންކަން ނިންމައި ވައުދުތަކެއް ވެވަޑައިގެންނެވިކަމަށެވެ.
އެ ދަތުރު ނިންމަވާލެއްވުމަށްފަހު އިންތިހާބާއި ކުރިމަތިލެއްވިއިރުވެސް ފޮތެއްގެ ސިފައިގައި މެނިފެސްޓޯއެއް ތައްޔާރުކުރެއްވިކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަންކަން ފޮތެއްގެ ސިފައިގައި ރައްޔިތުންނާއި ހިސާބަށް ގެނައުމަކީ މީގެ ކުރިން އެ ފެންވަރުގައި ކުރެވިފައިވާ މަސައްކަތްތަކެއް ނޫންކަމަށެވެ.
މެމްބަރު ވިދާޅުވީ، އެހާ ތިލަކޮށް ވައުދުތައް ރައްޔިތުންނާއި ހިއްސާކުރެއްވީ މިހާރުގެ ރައީސް ޑރ މުއިއްޒުކަމަށެވެ. އަދި ވައުދުތައް ފުއްދުމަކީ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ.
ރިޔާޒް ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންނެވުމަށްފަހުވެސް އެމަނިކުފާނުދަނީ ކައުންސިލުތަކާއި ރައްޔިތުންނާއި ގާތުން މަސައްކަތްކުރައްވަމުންކަމަށެވެ. ދާދި ފަހުން މެމްބަރު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއަށްވެސް ވަޑައިގެންނެވިއިރު ވައުދުތައް ފުއްދަވަމުން ގެންދަވާކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ވެފައިވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައި ވައުދުތަކުގެ މަތިން ބިންގާ އަޅަންޖެހޭ ތަންތަނުގައި އެ މަސައްކަތްތައް ކުރެވިފައިވާއިރު ހުޅުވަންޖެހޭ ތަންތަން ހުޅުވުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށެވެ.
ރިޔާޒް ވިދާޅުވީ، އެކަންކަން ކުރަމުންދަނީ ކުރިއަށް އޮތީ ކައުންސިލު އިންތިހާބަށް ވުމުން ނޫންކަމަށެވެ. އަދި ރައީސް ޑރ މުއިއްޒު ވެވަޑައިގެންނެވި ފައުދުތައް ފުއްދަވައިދެއްވުމަށް ކޮންމެހެންވެސް އެދިވަޑައިގަންަނަވާކަމަށްވުމުން އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތްތައް ކަމަށްވެސް ހިއްސާކުރެއްވިއެވެ.

