އިސްލާމީ ހިދުމަތުގެ މާލީ ނިޒާމެއް މި ސަރުކާރުން ގާއިމްކުރާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ މަޖިލީހަށް މިނިސްޓަރު ޝަހީމް ހާޒިރުކުރުމުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ސުވާލުކުރެއްވީ، ކުޅުދުއްފުށީ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނީ ކިހާ ތާރީހެއްގައިތޯއެވެ. އަދި ކުޅުދުއްފުށީ ވަގުފު ފަންޑަށް ހުއްދަދޭން ކަނޑައަޅާފައި އޮތީ ނުވަތަ އެކަން ހިންގަން ހަމަޖެހިފައި އޮތީ ކިހިނެއްތޯއެވެ. މީގެ އިތުރުން އިސްލާމިކް ސިވިލައިޒޭޝަން ޑިވެލޮޕްމެންޓުގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯވެސް ސުވާލުކުރިއެވެ.
މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ މަސައްކަތްތައް ސަރުކާރުން ކުރަމުން ދަނީ ވަރަށް ހާއްސަ އިސްކަމެއްދީގެންކަމަށާއި، ހަމައެފަދައިން ރާއްޖޭގެ ހުރިހާ ރަށްތަކަށްވެސް އިސްކަން ދޭނެކަމަށެވެ. އެ ސިޓީގައި އިސްލާމިކް މަރުކަޒެއް ގާއިމްކުރުމަކީ ސިޓީގެ ވަރަށް ގިނަ އަދަދެއްގެ އެދުމެއްކަމަށާއި، ކުޅުދުއްފުށި ސިޓީއަކީ މަރުކަޒީ ރަށެއްކަމަށްވުމުން އެތަނުގައި އިޖުތިމާއީ، އިލްމީ އަދި ސަގާފީ ގޮތުން ބޭނުންކުރެވޭނެ މަރުކަޒެއް ސަރުކާރުން ގާއިންކުރާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާ ގިނަ ދުވަސްތަކެއް ނުވެ ކުޅުދުއްފުށީ އިސްލާމިކް ސެންޓަރު އެޅުމުގެ މަސައްކަތް ވަކި ކުންފުންޏަކާއި ސަރުކާރުން ހަވާލުކުރާނެކަމަށެވެ. އަދި އެ ސިޓީގެ ވަގުފ އިމާރާތެއް ގާއިމްކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. މިކަމުގެ މަގްސަދަކީ އެ ދާއިރާގައި ލާމަރުކަޒީކޮށް އިސްލާމީ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ކައުންސިލަށް ހޯދައިދިނުންކަމަށް ފާޙަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގައި މި ގާއިމްކުރެވޭ ވަގުފު މަޝްރޫއުތަކުގެ ފައިސާ އިސްލާމިކް މިނިސްޓްރީއަކުން ނުނަގާނެކަމަށެވެ.
މި ފައިސާ ހުންނާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިކަމަށާއި، އެ ފައިސާ މެނޭޖުކުރާނީ ކައުންސިލްތަކުންކަމަށް ވިދާޅުވިއެވެ. ހަގީގީ ލާމަރުކަޒީ ގޮތުން އިސްލާމީ ހިދުމަތުގެ މާލީ ނިޒާމެއް މި ސަރުކާރުން ގާއިމްކުރާނެކަމަށާއި، މިއީ ތާރީހީކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

