ބަލިތަކުން ރައްކާތެރިވުމަށް އިސްތިރާޖީ ޕްލޭންތަކެއް އެކުލަވާން ޖެހޭކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ”މޯލްޑިވްސް ނެޝަނަލް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ކޮންފަރެންސް“ ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޞިއްޙީ ޚިދުމަތްދޭ ތަނަކަށް ޒިޔާރަތްކުރާ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަށް އެ ތަނުން ބައްޔެއް ޖެހޭކަމަށެވެ. މިނިސްޓަރު މިކަން ފާހަގަކުރެއްވީ ސަމާލުވާން ޖެހޭ ކަމެއްގެ ގޮތުގައެވެ. ބަލި މީހުންނާއި ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށާއި، އެކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޞިއްޙީ ޚިދުމަތް ފުޅާކޮށް، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ބަލި މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުރާލާ ބަލިން ރައްކާތެރިވުމުގެ ސަގާފަތެއް އަށަގެންނެވުމަކީވެސް ސަރުކާރުގެ ސިޔާސަތުކަމަށެވެ.
ބަލިތަކާއި އިންފެކްޝަންތަކުން ދުރާލާ ރައްކާތެރިވުމާ ބެހޭ ކޮންފަރެންސެއް ކޮންމެ އަހަރަކު އެއް ފަހަރު މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ބޭއްވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ. މިފަދަ ކޮންފަރެންސްތަކުގައި ހިއްސާކުރެވޭ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި ބަލިތަކުން ރައްކާތެރިވުމަށް އިސްތިރާޖީ ޕްލޭންތަކެއް އެކުލަވާން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން އިސްނަގައިގެން ކުރިއަށްގެންދިޔަ، ބަލިތަކާއި އިންފެކްޝަންތަކުން ދުރާލާ ރައްކާތެރިވުމާބެހޭ ކޮންފަރެންސްގައި އެކި ޖަރާސީމުތަކާއި ބަލި ޖެހެން މެދުވެރިވާ ސަބަބުތައް ދުރާލާ ދެނެގަނެ، އެކަމަށް ޞިއްޙީ ޚިދުމަތްތެރިން ރައްކާތެރިވުމާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް، މަޝްވަރާކޮށްފައިވެއެވެ.

