ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް އޮފީހަށް ބޭނުންވާ ބަޖެޓު ލިބޭ، މަސައްކަތް ނުކޮށް އުޒުރެއް ނުދެއްކޭނެ: ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރުން އަހަރަށް ކުރަންޖެހޭ އޮޑިޓުތައް ނުކޮށް ދޫކޮށްލުމުގެ ނަތީޖާއަކަށް ވާނީ، ކޮރަޕްޝަން ހިންގާ މީހުންނަށް ވައްކަން ކުރުމަށް އިތުރު ފުރުސަތުތައް ލިބުންކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކާއި ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލަތައް ފެންމަތިކޮށް، އޮޑިޓު ރިޕޯޓުތައް އޭގެ އަހަރުތަކެއް ފަހުން އާންމު ކުރާތީ އެ މައްސަލައިގައި ދާދިފަހުން މަޖިލިހުގައި މެމްބަރުން ވެސް ވާހަކަ ދެއްކެވި އެވެ. ފެނަކަ ހިޔާނާތުގެ ރިޕޯޓުގެ މައްސަލައާއި، އެކު އިދިކޮޅު މެމްބަރުން ބުނީ މިއީ މީގެ ދެ އަހަރު ކުރީގެ ހިޔާނާތްތައް އެނގޭ ރިޕޯޓެއްކަމަށެވެ. އެހެންވެ މިދިޔަ އަހަރުގެ ހާއްސަ އޮޑިޓެއް ހެދުމަށް ގޮވާލި އެވެ.

އޮޑިޓު އޮފީހުން އާންމު ގޮތެއްގައި މަސައްކަތް ލަސްވާ ސަބަބަކަށް ބުނަނީ، ބަޖެޓެއް ނެތުމެވެ. މި މައްސަލައިގައި ސަލީމް ވާހަކަ ދެއްކެވީ ފެނަކަ އޮޑިޓާއި ގުޅުން ހުރި ކަންކަން އޮޅުންފިލުވުމަށް އޮތް ބައްދަލުވުމުގަ އެވެ.

މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު، އަދި އިއްޔެގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ސަލީމް ވިދާޅުވީ ބަޖެޓުގެ ދަތިކަމެއް އޮވެގެން ނުވާނެކަމަށެވެ.

އޮޑިޓް އޮފީހަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެ އޮފީހަށް ބޭނުންވާ ބަޖެޓު ހަމައަށް ދީފައިވާނެކަމަށް ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، މަސައްކަތްތައް ފުރިހަމަ ނުކުރުމަށް އޮޑިޓް އޮފީހުން އެ އުޒުރު ދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ސަލީމް ވިދާޅުވީ އޮޑިޓް އޮފީހުން ހުށަހެޅި އަދަދަށް ބަޖެޓު ދިނުމުން އެ އޮފީހުން ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރެވޭނެ ކަމަށެވެ. އެހެންކަމުން، އެއްވެސް ކަމެއް ނުކުރެވި ނުވަތަ ލަސްވެގެން އުޒުރު ދެއްކޭނެ ގޮތެއް އޮޑިޓް އޮފީހަށް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އޮޑިޓް އޮފީހަކީ މިނިވަން މުއައްސަސާއެއް ކަމަށާއި، ޖަވާބުދާރީވާން ޖެހޭތަނަކީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީކަމުގައި ވާތީ، އޮޑިޓް އޮފީހުގެ ހުރިހާ ކަމެއްގައި ދައުލަތުގެ ފައިސާ އިސްރާފު ނުވާނެ ގޮތަކަށް މަސައްކަތް ކުރަން ޖެހޭކަމަށެވެ. އަދި ވިދާޅުވީ އޮޑިޓް އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ވަކި ބައެއް ދެކެ ބިރުގަންނަން ނުޖެހޭނެ ކަމަށާއި، ޖެހިލުންވާން ވެސް ނުޖެހޭނެ ކަމަށެވެ. ސަލީމް ވިދާޅުވީ އޮޑިޓު އޮފީހުން ކުރާ މަސައްކަތުގައި ހިމެނެނީ، ދިވެހި ރައްޔިތުންގެ ފައިސާކަމަށާއި އެއީ ވަކި މީހެއްގެ ފައިސާއެއް ނޫންކަމަށެވެ. އެކަންކަމުން އޮޑިޓު އޮފީހަށް މަސްއޫލިއްތު އަދާނުކުރެވޭނަމަ އެ މުވައްސަސާއާއި ބައްދަލުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ފުލުހުންނާއި ވެސް ބައްދަލުކޮށް މަސައްކަތް ހުއްޓިފައި އޮންނަ ސަބަބާއި މެދު ސުވާލު ކުރާނެކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވަނީ އޮޑިޓް އޮފީހުން ފަރުވާކުޑަކޮށްފިނަމަ، ދައުލަތުގެ މުއައްސަސާތަކަށް ވައްކަން ކުރުމަށް މަގުފަހިވެ ކޮރަޕްޝަން އިތުރުވާކަމަށް ވިދާޅުވެފަ އެވެ. އަދި އަހަރުން އަހަރަށް ރިޕޯޓުތައް ނިންމަން ޖެހެނީ، އެއީ ނުބެލޭނެ މައްސަލައެއްކަމަށް ދެކޭ ބަޔަކު ކުންފުނިތަކާއި ހިޔާނާތް ހިންގާ މީހުންގެ ތެރޭގައި ތިބުމުންކަމަށް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އޮޑިޓު އޮފީހުން ނެރޭ ރިޕޯޓަކަށް ފިޔަވަޅު ނާޅައި މިނިވަން މުވައްސަސާތަކުގެ ކޮމިޓީ ނޯންނާނެކަމަށެވެ. އަދި ކޮމިޓީން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ދެން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެކަމަށް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ވަކި މައްސަލަތަކެއް ކުރިޔަށް ގެންދާއިރު، ތަހުގީގު ކުރިޔަށް ދާގޮތް ކޮމިޓީން ބަލާނެކަމަށެވެ. އަދި މަސައްކަތް ރަނގަޅަށް ކުރިޔަށް ނުދާނަމަ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު އެހެން ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ވިދާޅުވި އެވެ.

މިއީ އެއްވެސް މީހެއްގެ އަމިއްލަ ފައިސާއެއް ނޫން. އެހެންވީމާ މި ފައިސާ އޮޑިޓް ކުރުމަށް އެ ދަނީ ރަނގަޅަށްތޯ ބަލަން ތީ ބަޔަކީ އޮޑިޓް އޮފީސް.. އެހެންވީމާ އޮޑިޓް އޮފީހުން މިކަން ކުރާ ކަމަށް ވަންޏާ އިނގޭތޯ ކުންފުނިތަކަށް ވެސް އަދި ސަރުކާރުގެ ވުޒާރާތަކަށް ވެސް ދެން ހުރި އޮފީސްތަކަށް ވެސް ކަންކަން ކުރުމުގައި ޖެހެލުންވާނެ… ތި ބޭފުޅުން ފަރުވާ ކުޑަކުރި ވަރަކަށް އެ މީހުން އެ ކަންކަން ކުރަން މަގުފަހިވެގެންދާނެ… އޭރު އަނެއްކާ އަހަރުން އަހަރަށް ރިޕޯޓުތައް ނުނިންމާ ކަމަށް ވަންޏާ ވެސް އެއް އަހަރު ދިޔައިމާ ދެން އެ މީހުން ހިތަށް އަރާނީ ދެން އަންނަ އަހަރު ވެސް ނުކުރާނޭ… އެހެން ކިޔާފަ އިތުރަށް ވައްކަން ކުރުމުގެ ފުރުސަތު ލިބިގެންދާނީ.

ފެނަކައިގެ ހާއްސަ އޮޑިޓާއި އެކު، އެ ކުންފުނީގެ ތެރޭގައި މިދިޔަ ސަރުކާރުގައި ހިނގާފައި ހުރި ގިނަ ކޮރަޕްޝަނުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ފެނަކައިގެ މާލީ ހާލަތު ދިޔައީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ފެނަކައިން މުދަލާއި ހިދުމަތް ހޯދުމަށް 8.83 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ރިޕޯޓުން އެނގޭ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުނިން 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުއްޓެވެ.

ރިޕޯޓުގައި ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އާއިލީ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދިނުމާއި، ވާދަވެރި ބީލަމަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން ހިމެނެއެވެ. މީގެ އިތުރުން މާކެޓު ރޭޓަށް ވުރެ ބޮޑު އަގުގައި ހަރަދުތައް ކޮށްފައިވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: