ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 އިންސައްތަ މައްސަލައަކީ އީކޮމަރސްގެ ދާއިރާއާ ގުޅުންހުރި މައްސަލަކަމަށް އެ އިދާރާއިން ބުނެފިއެވެ.
ސަންގުޓީވީގެ ތިލަފަތް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންޓި ސްކޭމް ސެންޓަރުގެ ފަރާތުން ސީނިއަރ ސާޖަންޓް އަބްދުﷲ ޝަހުނީޒު ވިދާޅުވީ، މަރުކަޒީ ގޮތެއްގައި އެންޓި ސްކޭމްގެ މަސައްކަތްތައް ބަދަލު ކުރެވިގެން މަސައްކަތް ފެށިފައިވަނީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައި ކަމަށާއި، ސެންޓަރަށް ހުށަހެޅޭ 50 އިންސައްތަ މައްސަލައަކީ އީކޮމަރސްގެ ދާއިރާއާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. އެގޮތުން އޮންލައިން ވިޔަފާރި ކޮށްގެން އެކި ކަހަލަ ސްކޭމްތަކުގައި ޖެހުމުގެ މައްސަލަތައް އޭގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުންވެސް، ކަރަންސީ އެކްސްޗޭންޖާއި، އިންވެސްޓްމަންޓް ސްކޭމްގެ މައްސަލަތައްވެސް ހުށަހެޅޭކަމަށް ޝަހުނީޒު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ސައިބަރ ކްރައިމް ސެންޓަރުގެ ފަރާތުން ބައިވެރިވެފައިވަނީ ސަބް އިންސްޕެކްޓަރ ޝުހާދު ސައީދު އަދި ސާރޖަންޓް އަހުމަދު އަލީއެވެ.
ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުހާދު ވިދާޅުވީ، ރާއްޖޭގައި ސައިބަރ ކްރައިމް ސެންޓަރަށް ހުށަހެޅޭ އެކި ބާވަތުގެ މައްސަލަތަކަށް ބަލާއިރު، ”އިމްޕާސަނޭޝަން“، އެކައުންޓް ހެކް ކުރުން އަދި ވައިބަރގެ ޒަރިއްޔާއިން ހިންގާ ސްކޭމްގެ މައްސަލަތައްވެސް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، އެކިއެކި ލިންކުތަކުގެ ޒަރިއްޔާއިން މީހުންގެ އެކައުންޓުތައް ހެކް ކުރުމުގެ މައްސަލަތައް މިހާރުވެސް ހުށަހެޅޭކަމަށް ޝުހާދު ވިދާޅުވިއެވެ.
ޝުހާދު ފާހަގަ ކުރެއްވި ގޮތުގައި ކުރިއާ އަޅާބަލާއިރު މިހާރު ދިވެހިންގެ ތެރޭގައިވެސް މިފަދަ ތަފާތު އެކި ކަންކަމަށް އޮންނަ ހޭލުންތެރިކަން ބޮޑެވެ.
މީގެ އިތުރުން، ރަނގަޅު ޕާސްވޯޑެއް ޖެހުމުގެ މުހިއްމުކަމުގެ މައްޗަށްވެސް ޝުހާދު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ޕާސްވޯޑެއް ވަރުގަދަ ކުރުމަށްޓަކައި ހިމެނިދާނެ ކަންކަން އޭނާ ވަނީ ކިޔާދެއްވާފައެވެ.
ރަނގަޅު ޕާސްވޯޑެއްގައި މީގެ ކުރިން 12 ކެރެކްޓަރ ބެލި ނަމަވެސް މިހާރު އެ އަދަދު އިތުރުވެއްޖެ 16 ކެރެކްޓަރ އަށް
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސާޖަންޓް އަހުމަދު އަލީ ވިދާޅުވީ، ބީއެމްއެލްގައި ބޭނުންކުރާ ޖީމެއިލް އެކައުންޓު އެހެނިހެން ޕްލެޓުފޯމްތަކުގައި ބޭނުން ކުރުމަކީ ގިނަ މީހުން ކުރާ ކަމެއް ކަމަށާއި، އެހެންވުމުގެ ސަބަބުން ފަސޭހައިން އެ ޕްލެޓްފޯމްތަކަށް އެކްސެސް ލިބުމަށްވެސް މަގުފަހިވާކަމަށެވެ.
އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރުވެސް އެއް ޕާސްވޯޑެއް ޖަހާފައި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުރިކަމަށް ސްކޭމް ސެންޓަރުން މައުލޫމާތު ދެއެވެ.

