ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން އެ އޮފީހުގެ ލަފާހޯދަން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައިފިއެވެ.
އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން 1 އަހަރު ތެރޭގައި ނައްތާލެވިދާނެ ޙާލަތްތަކެއް އަދި އިޖުރާއަތްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް، ޕީޖީ އޮފީހުން ޖިނާއީ ދަޢުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދަޢުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ޙާލަތްތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އެ އެކަންކަމަށް ރިޢާޔަތްކޮށް، ދަޢުވާ ނުކުރެވޭނެކަމަށް ޕީޖީ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަޙުޤީޤީ އިދާރާތަކަށް ފޮނުވުމަށްޓަކައި ޕީޖީ އޮފީހުން ގެންދަނީ އެކުލަވާލަމުންނެވެ.
އެހެންކަމުން އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ޚިދުމަތާ ޙިއްޞާކުރެވެންދެން، ޕީޖީ އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިހާރު ޕީޖީ އޮފީހުން ވަނީ ދަންނަވާފައެވެ.
ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު އިސްލާޙުކޮށް އެ އިސްލާޙަށް އަމަލުކުރަން ފަށާފައިވާއިރު، މި ޤަވާއިދަކީ ދިވެހި ފުލުހުން ބަލަހައްޓާ ޕޮލިސް ރިކޯޑުތައް ހާމަކުރުމާއި، ޕޮލިސް ރިކޯޑަށް އެދުމާއި، ރިކޯޑު ދޫކުރުމާއި، އަދި ރިކޯޑު ބެލެހެއްޓުމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
މި ޤަވާއިދަށް މައިގަނޑު ދެ އިސްލާޙެއް ވަނީ ގެނެސްފައެވެ. އެގޮތުން އެ ދެ އިސްލާޙަކީވެސް ރިކޯޑު ބެލެހެއްޓުމުގެ ބޭނުމަށް ލިޔެކިޔުން ރައްކައުކޮށް ބެލެހެއްޓުމާއި ނައްތައިލުމާ ގުޅޭ މާއްދާއަށް ގެނެސްފައިވާ އިސްލާޙުތަކެކެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ ލިޔެކިޔުންތަކާއި، އެއްކުރާ ލިޔެކިޔުންތައް ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކައުކޮށް ބަލަހައްޓަންވާނެ ކަމަށެވެ. އަދި ރައްކައުކުރެވޭ ލިޔެކިޔުންތަކުގެ ބާވަތާއި، ލިޔެކިޔުން ރައްކައުކޮށް ބަލަހައްޓަންޖެހޭ މުއްދަތުވެސް ވަނީ ބަޔާންކޮށްފައެވެ.
އެ މުއްދަތުތަކަށް ބަލާއިރު، ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގައި ލިއެކިއުންތައް 8 އަހަރުވަންދެން ރައްކާކޮށް ބަލަހައްޓަން ޖެހެއެވެ. އަދި ޖުނަޙުގެ ދަރަޖައިގެ ކުށްތަކާ ގުޅޭ ލިއެކިއުން 3 އަހަރު ވަންދެން ބަލަހައްޓަން ޖެހެއެވެ.
މީގެ އިތުރުން، ދަޢުވާކުރަން ފޮނުވިފައިވާ މައްސަލައެއްނަމަ ޝަރީޢަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުޙަލާތައް ނިމެންދެން ބަލަހައްޓަން ޖެހޭނެއެވެ.
މި ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުގައި ވަނީ ލިއެކިއުންތައް ނައްތާލެވޭނެ ޙާލަތްތަކެއް ބަޔާންކޮށްފައެވެ. އެގޮތުން ޖިނާއީ މައްސަލައެއްގައި ދަޢުވާ ނުކުރެވޭނެކަމަށް ޕްރޮސކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ތަޙުޤީޤު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދަޢުވާ އުފުލޭނެ މިންވަރަށް ހެކި ނެތް މައްސަލައެއްނަމަ، އަދި ހެކި އަލުން ލިބިދާނެކަމަށްވެސް ނުބެލެވޭ މައްސަލައެއްނަމަ އެ މައްސަލައެއް ތަޙުޤީޤުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށްވެސް އެކަން ގަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުން ކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް އެ މައްސަލައެއްގެ ލިޔުންތައް ނައްތާލެވިދާނެއެވެ.
އެހެންނަމަވެސް މި ހުރިހާ މައްސަލަތަކެއްގައިވެސް ޑިޖިޓަލްކޮށް ދާއިމަށް ލިއެކިއުންތައް ބަލަހައްޓަން ޖެހޭނެއެވެ.

