ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މިލިއަނަށް ވުރެ މަޝްރޫއުތައް ބޮޑުނަމަ، މިހާރު ބޯޑަށް ހުށަހަޅަން ޖެހޭނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަޑް މުހައްމަދު ނަޖާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓުން ފެންމަތިވީ މައްސަލަތަކާއި އެކު އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތިން މިލިއަނަށް ވުރެ މަޝްރޫއުގެ އަގު ބޮޑުނަމަ ބޯޑަށް ހުށަހަޅަން ޖެހޭގޮތަށް ބަދަލު ގެނައުން ހިމެނޭކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ހާއްސަ އޮޑިޓުން މިދިޔަ ސަރުކާރުގައި ހިނގާފައި ހުރި ގިނަ ކޮރަޕްޝަނުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ. 2019 އިން ފެށިގެން ފެނަކައިގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވަމުން ގޮސްފައިވާއިރު، 2021 އިން 2023 އަށް 8.83 ބިލިއަން ރުފިޔާ މުދަލާއި ހިދުމަތަށް ހަރަދުކޮށް، 2023 ނިޔަލަށް 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުރި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ރިޕޯޓުގައި ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އާއިލީ ކުންފުނިތަކަށް ވާދަވެރި ބީލަމަކާ ނުލައި މަސައްކަތްތައް ދިނުމާއި، މާކެޓު ރޭޓަށް ވުރެ ބޮޑު އަގުގައި ހަރަދުކުރުން ހިމެނެއެވެ.

މި މައްސަލަ ތަހުގީގު އަވަސްކުރުމަށް ރައީސް އަންގަވާފައިވާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ގަރާރެއް ހުށަހަޅައި މިކަން ބަލަން ފަށާފައެވެ. ކޮމިޓީން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ފެނަކައާ ބައްދަލުކޮށްފައިވާއިރު، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ގިނަ ބަޔަކު ޝާމިލުވެގެން އުސޫލާ ހިލާފު މުއާމަލާތްތައް ހިންގާފައިވާ ކަމަށް ބުނެފައެވެ.

މައްސަލައިގައި ފެނަކައިގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށް އިންޓާނަލް އޮޑިޓުތަކާއި ގުޅޭ ސުވާލުވެސް ކުރި އެވެ. އަދި ބޯޑުގެ ދައުރެއް ނެތި، ބައެއް ނިންމުންތައް ނިންމާފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރިކަން ފެނަކައާއި ހިއްސާ ކުރި އެވެ.

އެކަމާ ގުޅޭގޮތުން ކޮމިޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ނަޖާހު ވިދާޅުވީ ކޮންމެ ޕްރޮޖެކްޓެއް ނުވަތަ ކުއްޔަށް ނެގޭ އެއްޗެއްގެ ޖުމްލަ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނަމަ، އެކަން ބޯޑަށް ހުށަހަޅައި، ބޯޑުގެ ހުއްދައާއެކު ނޫނީ މިހާރު ކުރިޔަށް ނުގެންދާ ކަމަށެވެ. ނަޖާހު ވިދާޅުވީ، ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން މަޖިލީހުގެ ތެރެއިން ކުރަމުން ގެންދާ ކުރައްވާ ސަތޭކަ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކުންފުނީގެ ތެރޭގައި މިހާރު މިނިވަންކަމާއި އެކު މަސައްކަތް ކުރެވޭ ވަރުގެ ޓީމެއް މިހާރު އުފައްދާފައިވާކަމަށް ނަޖާހު ފާހަގަކުރެއްވިއެވެ. އަދި މި ޓީމަކީ ދާދިފަހުން ކުންފުންޏަށް ވައްދާފައިވާ މުވައްޒަފުންކަމަށް ވާތީ، ކުރީގެ ކަންކަމާ އެއްވެސް ގުޅުމެއް ނެތުމުގެ ސަބަބުން އެ މީހުން އެއްވެސްކަމެއް ފޮރުވަން ޖެހޭ ހާލަތެއް ނުވަތަ ސަބަބެއް ނޯންނާނެކަމަށް ނަޖާހު ވިދާޅުވި އެވެ.

ނަޖާހު އިތުރަށް ވިދާޅުވީ، މިހާރު ފެނަކަ މަސައްކަތް ކުރަމުން ދަނީ ބޯޑުގެ ޒިންމާ ފުރިހަމައަށް އަދާކުރެވޭނެ ގޮތަކަށް ބޯޑާއިއެކު ކަމަށެވެ. ތިން މިލިއަނަށް ވުރެ ބޮޑު ކޮންމެ ޕްރޮޖެކްޓެއް ބޯޑަށް ވައްދާނީ ހަމަ ޒިންމާދާރުކޮށް މަސައްކަތް ކުރުމަށްޓަކައި ކަމަށާއި، ބޯޑުގެ ރިޒޮލިއުޝަނަކާ އެކީ ކުރިއަށް ގެންދާ މިފަދަ މަޝްރޫއުތަކުގެ ފުރިހަމަ ޒިންމާ ބޯޑުގެ މެންބަރުން ނަންގަވާނެކަމަށް ވެސް ނަޖާހު ވިދާޅުވިއެވެ.

މި ސިޔާސަތު ކުރިއަށް އޮތްތަނުގައި ވެސް ތަންފީޒު ކުރާނެކަމަށް ނަޖާހު ވިދާޅުވި އެވެ. މިބަދަލު ގެނައުމުގެ ބޭނުމަކީ، ކުންފުނީގެ މާލީ ކަންކަމުގައި ދެފުށް ފެންނަ ގޮތަކަށް އަދި ޒިންމާދާރުކޮށް މަސައްކަތް ކުރުންކަމަށް ނަޖާހު ވިދާޅުވި އެވެ.

ދެން ބޯޑުގެ ޒިންމާ އަދާކުރެވޭ ގޮތަށް އަޅުގަނޑުމެން މިހާރު ބޯޑާ އެކީ މަސައްކަތް މި ކުރަނީ.. ދެން ދެންމެ އިއްޒަތްތެރި މެންބަރު ފާހަގަކުރެއްވި ފަދައިން ފަސް މިލިއަނެއް ނޫން.. މިހާރު އަޅުގަނޑުމެން ތިން މިލިއަން މަތިވާ ކަމަށް ވަންޏާ މިހާރު ބޯޑަށް ވައްދާނެ… ބޯޑުން ހުއްދަ ދީގެން ނޫނީ އަޅުގަނޑުމެން މިހާރު ކުރިއަކަށް ނުގެންދާނަން… އެއީ ކޮންމެ ޕްރޮޖެކްޓެއް ގެންދިޔަސް އޭގެ ޓޯޓަލް ކޯސްޓާ ބަލާފައި އެއްޗެއް ކުއްޔަށް ނެގި ޓޯޓަލް ކޯސްޓަށް ބަލާފައި އަޅުގަނޑުމެން އެއީ ތިން މިލިއަނަށް ވުރެ ބޮޑުވަންޏާ ހަމަ ބޯޑަށް ވައްދައިގެން މި ގެންދަނީ. އެހެންވީމާ ބޯޑުގެ ރިޒޮލިއުޝަނަކާ އެކީގައި ކުރިއަށް ގެންދާނެ، ބޯޑުގެ މެންބަރުންނަށް ފުރިހަމައަށް ޒިންމާވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރެވެނީ އެ ހާލަތުގައި.

ކޮމިޓީގެ މެންބަރު ނާޒިމް ވިދާޅުވީ ގަރާރުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމައި ފިޔަވަޅު އެޅުމަށް ސުންގަޑި ދޭނެ ކަމަށެވެ. އަދި ހިޔާނާތުގައި ބައިވެރިވި މުވައްޒަފުންގެ ލިސްޓެއް ހުށަހެޅުމަށް ފެނަކައަށް އަންގާފައިވާއިރު، އެމީހުންގެ ބައިވެރިވުމުގެ މިންވަރު ވެސް ބަޔާންކުރަން ޖެހެއެވެ. ހަމައެހެންމެ، މި މައްސަލަ ހަމައެކަނި ސައީދުއާ ހަމައިން ނުނިންމާ، ފައިސާ ”ޕަމްޕު“ ކުރުމުގައި އެހީވި ފިނޭންސް މިނިސްޓްރީ ވެސް ޒިންމާދާރުކުރުވުމަށް ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.

ފެނަކައިގެ ބޯޑުން މިދިޔަ ދައުރުގައި އެއްވެސް ޒިންމާއެއް އަދާނުކުރާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއްވިއެވެ. ފަސް މިލިއަން ރުފިޔާގެ މަތީގެ މަސައްކަތްތަކަށް ބޯޑުގެ މަޝްވަރާ ނުހޯދާ ނިންމުންތައް ނިންމާފައިވާތީ، މީގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިދާނެ މައްސަލަތައް ހިމެނެއެވެ. ނާޒިމް ވަނީ މިފަދަ ނިންމުންތަކުގެ ސަގާފަތް ފެނަކައިން ނިމުމަކަށް ގެންނަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: