މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ”ފަޔަރ އެކްސްޓިންގުޝަރސް ރީފިލިންގ“ ސެންޓަރގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފައެވެ.
އެމް.ޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި މި ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެމް.ޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި އެމް.ޕީއެލްގެ ސީ.އީ.އޯ (ސީޕީ އިޒާދު) މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.
މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި، ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރ ޓެސްޓް ހެދުމާއި، ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނެއެވެ. މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑަރ (ޑީސީޕީ)، ކާބަންޑައިއޮކްސައިޑް (ސީއޯޓޫ)، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސަރވިސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން، މި ސެންޓަރުން ސަރވިސް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ޖެހުމާއި، ޓެގް ކުރުމާއި، ސޭފްޓީ ޕިން ހަރުކުރުމާއި، މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ. އަދި ބުނެފައި ވަނީ ސެލްފް-ކޮންޓެއިންޑް ބްރީތިންގ އެޕަރޭޓަސް (އެސް.ސީ.ބީ.އޭ)ގައި ބޭނުންކުރާ އެއަރ ސިލިންޑަރތައް ރީފިލިންގ ކުރުމާއި، ޕްރެޝަރ ޓެސްޓް ހެދުމުގެ މަސައްކަތްވެސް ކުރާނެކަމަށެވެ.
އެމް.ޕީއެލް އިން ބުނި ގޮތުގައި މި ސެންޓަރުގެ މަސައްކަތް ކުރިއަށް ގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށެވެ. އަދި މިހާތަނަށް އެމް.ޕީ.އެލްގެ ބަނދަރުތަކުގައި ބޭނުންކުރަމުންދާ އަލިފާން ނިއްވާ ފުޅިތައް ރީފިލް ކުރުމާއި ސަރވިސް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ އައުޓްސޯސްކޮށްގެންކަމަށް ބުންޏެވެ. އެހެން ނަމަވެސް އެމް.ޕީ.އެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އަމިއްލަ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން މި މަސައްކަތްތައް ކުރަން ފެށުމަކީ ކުންފުނީގެ ޚަރަދުތައް ކުޑަވެގެންދާނެކަމަށް ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ބުނީ މި ވަގުތުވެސް އެމް.ޕީ.އެލްގެ ބަނދަރުތަކާއި އެހެން އިމާރާތްތަކުގައި ބޭނުންކުރާ 900 އަށްވުރެ ގިނަ އަލިފާން ނިވާ ފުޅި ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްއިން ދަނީ ބަލަހައްޓަމުންދާ ކަމަށެވެ. އަދި ސެންޓަރ އިން މި ވަގުތު އެމް.ޕީ.އެލް އިން ބަލަހައްޓާ އަލިފާން ނިވާ އާލަތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، މި ސެންޓަރގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ކުރިއަށް އޮތް ތަނުގައި ވިޔަފާރި އުސޫލުން މި ޚިދުމަތް ފޯރުކޮށްދޭން ފެށުމަކީ ކުންފުނީގެ އަމާޒެއްކަމަށް ބުންޏެވެ.

