މާލެ ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގްގެ ދަތިކަން ހައްލުކުރުމަށްޓަކައި ޕާކިންގް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ގިނަވަމުން ދިއުމުގެ މައްސަލައަށް އަލިއަޅުވައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، މާލެ ސަރަހައްދަށް ވެހިކަލްތައް އާދަޔާ ހިލާފަށް ގިނަވުމުގެ އަސްލަކީ، އާންމު މާކެޓާއި ކަޅު ބާޒާރުވެސް ހިމެނޭ ގޮތަށް، ރާއްޖޭގައި އަހަރެއްގެ މައްޗަށް ހިންގާ ވެހިކަލް ގަތުމާއި ވިއްކުމުގެ މުއާމަލާތްތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ މާލެ ސަރަހައްދުގައި ކަމެވެ.
މީގެއިތުރުން، މީގެ ކުރިން ހުރި ބައެއް އުސޫލުތައް އުވާލުމާއި، އެޗްޑީސީން ވެހިކަލް ރެޖިސްޓްރީ ކުރުމުގެ އިތުރުން، އެޑްރެސްތަކުގައި ގަރާޖު ހުރިކަމަށް ބުނެ ގާނޫނާ ހިލާފަށް ޓެކްސީތައް ރެޖިސްޓްރީ ކުރުމުގެ ގޯސްތައް ހިންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މި ގޯސްތައް ހިންގާފައިވަނީ މިނިސްޓްރީ އަދި ސިޓީ ކައުންސިލުގެ ތެރެއިން ގުޅިގެންނެވެ.
މިފަދަ ގޯސްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ވެހިކަލްތައް މާލެ ސަރަހައްދަށް ޖަމާވިއިރު، މި ސަރުކާރުން ވަނީ އެތަކެތި ނަގައި ހުޅުމާލޭގެ ބިންތަކަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ.
ނަމަވެސް، މިނިސްޓަރު ވިދާޅުވާ ގޮތުގައި އެ ބިންތައްވެސް ތާއަބަދު ބެހެއްޓޭނެ ތަންތަނެއް ނޫނެވެ. އެ ބިންތައް ހުސްކުރަން ޖެހޭއިރު، އެކަން ކުރެވޭނީ އެތަންތަނުގައި ޕާކިންގް ޖާގަތަކެއް ނުވަތަ އިމާރާތްތަކެއް ހަދައިދެވިގެންނެވެ. އެހެންކަމުން، ޕާކިންގް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ.
ވެހިކަލްތައް ގިނަވުން ހުއްޓުވުމަށްޓަކައި މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު ވިދާޅުވީ، އުމުރު ހަމަވެފައިވާ ވެހިކަލްތައް ރާއްޖޭގެ ’އޭ ޒޯން‘ ނުވަތަ މާލެ ސަރަހައްދުގެ ބަދަލުގައި އެހެން ސަރަހައްދެއްގައި ރެޖިސްޓްރީކުރުމަށް އިރުޝާދު ދެއްވާފައިވާކަމަށާއި، މިކަމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާނެކަމަށެވެ.
މި ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، 2023 ވަނަ އަހަރާއި އަޅާބަލާއިރު، އާ ވެހިކަލް ރެޖިސްޓްރީކުރާ އަދަދު 74 އިންސައްތައާއި ގާތްކުރާ މިންވަރަކަށް ދަށްވެފައިވާކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. މިއީ މާލޭގެ މަގުތަކުގައި ވެހިކަލްތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

