ބޭރުން އަންނަ އުޅަނދު ފަހަރުގައި ރާއްޖެއަށް ހަތިޔާރު އެތެރެކުރުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ކަސްޓަމްސްގެ ހިދުމަތުން ހާމަކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ހޯކްސް ކުންފުނީގެ އުޅަނދެއްގައި ރާއްޖެއަށް ގަވައިދާއި ހިލާފަށް ދުންފަތް އެތެރެކޮށްފައިވާކަމަށް ކަސްޓަމްސްއާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރި މައްސަލައިގެ މައްޗަށް އަލިއަޅުއްވައި ނައިބުރައީސް ނާޒިމް ވިދާލުވީ، މިކަމުގެ ދިރާސާތަކަށް މަޖިލީހުގެ ސަލާމަތީ ކޮމިޓީންވަނީ ކަސްޓަމްސް ސާވިސްއާއި ބައްދަލުކޮށްފައިކަމަށެވެ. އަދި އެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާންވެސް ބައިވެރިވެވަޑައިގެންނެވިކަން ހިއްސާކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ، މިއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ފޯރުމުގެ ފުރުސަތު އޮތް އަމަލުތަކެއް އެކުލެވިފައިވާ މައްސަލައެއްކަން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރެވިގެންދިޔަކަމަށެވެ. އެހެންކަމުން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އެ ނިންމުން ބިނާވެފައިވާ ބައެއް ސަބަބުތައް ހާމަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ކަސްޓަމްސް ބޭފުޅުން ހިއްސާކުރެއްވި މައުލޫމާތުތަކުން ދަ ހޯކްސްގެ ތެޔޮ ބޯޓުތަކުގައި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި އަނބުރާ އަންނައިރު ސްމަގްލިންގެ އަމަލުތައް ހިންގާކަމުގެ މައުލޫމާތު ލިބެމުންދާތާ ދެ އަހަރު ދުވަސް ވެފައިވާކަމަށެވެ.
ނާޒިމް ވިދާޅުވީ، ރާއްޖެއިން ބޭރުން އަންނަ ކޮންމެ އުޅަނދަކަށްވެސް ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް ސިއްރުން މުދާ އެތެރެކުރުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުންވެސް އެ މުއައްސަސާއިން ހިއްސާކުރިކަމަށާއި ބޭނުންވެއްޖެ ހާލަތެއްގައި ހަތިޔާރުވެސް އެތެރެކުރުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ. ހޯކްސްގެ އުޅަނދެއް ރާއްޖޭގެ ސަރަހައްދާއި ގާތަށް އައުމަށްފަހު އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމު 24 ގަޑީރުގެ ވަގުތަކަށް ނިވުނު މައްސަލަވެސް ފާހަގަކޮށްފައިވާކަމަށާއި އޭގެ ފަހުން ބޯޓު ފެނުނުއިރު އެ ކުންފުނީގެ ދޯންޏަކަށް ސިނގިރޭޓު ކާޓަންތަކެއް ބޭލުމުގެ މަސައްކަތްތައް ކުރެވެމުންދިޔަކަން ފެނިގެންދިޔަކަމަށެވެ.
ހޯކްސްއިން ސްމަގަލްކުރަމުންދާކަމަށް ގަބޫލުކުރެވޭ ސަރަހައްދަށް ކަސްޓަމަސްގެ އޮފިޝަލުން ދިއުމަށް އެދުނުއިރު އެކަމަށް ބޭނުންކުރާ ލޯންޗެއް ނުލިބުނު ހާލަތުވެސް ބަޔާންކޮށްފައިވާއިރު ފުލުހުންގެ ހިދުމަތަށް ގުޅައިގެންވެސް ލޯންޗެއް ނުލިބުމުން އެ ސަރަހައްދަށް ދިޔައީ ޖަޕާނުގެ ސަރުކާރުން ކަސްޓަމްސްއަށް ހަދިޔާކޮށްފައި އޮތް ސަލާމަތީ ސެޓިފިކެޓްވެސް ހައްދާފައި ނެތް އުޅަނދެއްގައިކަމަށެވެ.
އެހެންކަމުން ގާނޫނުން ކަސްޓަމްސްގެ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން އެ މުއައްސަސާގެ ކިބައިގައި ނެތްކަންވެސް މި މައްސަލައިގެ ސަބަބުން އެނގިގެންދާކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، މި މައްސަލައިގައި އެންމެ ފުރަތަމަ ސުވާލުކުރުމުން ހޯކްސް ކުންފުނިންވަނީ އަމަލުގައި ބައިވެރިވިކަމުގެ ތުހުމަތަށް ދެކޮޅު ހަދާފައިކަމަށެވެ. މި އަމަލު ހިންގީ އުޅަނދުގައި ތިބި ފަޅުވެރިން އަމިއްލަ އިހުތިޔާރުގައިކަމަށްވުމުން އެ މައްސަލަ ތަހުގީގުކުރަންޖެހޭކަމަށް ބުނެފައިވާކަންވެސް ހާމަކުރެއްވިއެވެ.

