ހަގީގަތް އޮޅޭ ގޮތަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ބަޔާން ނެރުއްވާފައިވާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަަލަން ނިންމައިފިއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި ކޮމިޝަނަށް ހާޒިރު ވުމުމުގެ އަމުރު ފޮނުވުމުން، އެ މައްސަލަ ބެލުމުގެ އިހުތިސޯސް ކޮމިޝަނަށް ލިބިގެން ނުވާކަަމަށް ބަޔާންކުރައްވައި ހާޒިރުވެވަޑައިގަންނަވަން އުޒުރުވެރުވެވަޑައިގެން ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގެ މައްސަލައިގައި ޖޭއެސްސީން ބުދަ ދުވަހު މެންދުރު ފަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމަށް ފަހު ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި މެދު ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާ އާއްމު ކުރެއްވުމަކީ، ކޮމިޝަންގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅުއްވައި ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ހުރަސްއެޅުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއި ގުޅޭގޮތުން ކޮމިޝަނުން ބެލި ދުސްތޫރީ މައްސަލައެއް ސާބިތުވެ ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތް ދިނުމަށް ނިންމުމުން ފޮނުވި ނަސޭހަތުގައި ހިފުމަށް އިންކާރުކޮށްފައިވާތީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލި އެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ މައްސަލަ އެެވެ. އެމައްސަލަ ނިންމައި ޖޭއެސްސީއިން ވަނީ އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމާފަ އެވެ.
ސުލޫކީ މައްސަލައް ބަލަން ނިންމާފައިވުމާއި ގުޅޭގޮތުން ފަނޑިޔާރުންނަށް ދޭ ނޯޓިސްގެ ނަމުުގައި ޖުޑީޝިއަލް ސާވިސް ކޮމީޝަނުން 13 އޮކްޓޯބަރުގައި ފޮނުވި ސިޓީއާއި ހަވާލާދީ އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ވިފާޅުވެފައިވަނީ ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި 15 ކަމެއް ހިމަނާފައިވާއިރު އޭގެ ތެރޭގައި ޖޭއެސްސީގެ ދުސްތޫރީ މެންޑޭޓުގެ ދަށުން އެ ކޮމިޝަންއަށް ބެލުމުގެ ބާރު ލިބިގެންވާ ސުލޫކީ މައްސަލައެއް ނެތް ކަމަށެވެ. އަދި އެއިން ކޮންމެ ކަމަކީވެސް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުން ގަޟާއީ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.
ސުޕްރީމް ކޯޓުން ވިޔަސް، އަދި އެހެން ކޯޓަކުން ވިޔަސް ނިންމާފައިވާ އެފަދަ ގަޟާއީ ނިންމުމެއް މުރާޖާ ކުރުމާއި އޭގެ ސައްހަކަން ބެލުމާއި، އެއީ ގާނޫނުތަކައި އެއްގޮތް ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށްޓައި ނޫން ކަމަށެވެ. ޖުޑީޝިއަލް އެއްވެސް އިޖުރާތެއް ހިންގުމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ތަންދޭ ކަމެއް ނުވަތަ ދަންނަ ކަމެއް ވެސް ނޫން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އަދި އެފަދަ އިޖުރާތެއް ޖޭއެސްސީއިން ވިޔަސް އަދި ދައުލަތުގެ އެހެން ބާރަކުން ވިޔަސް ހިންގުމަކީ ކަނޑައެޅިގެން ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ބާތިލު އަމަލެއް ކަމަށް ނޫނީ ނުވާނެ ކަމަށެވެ.
އެހެން ކަމުން ދިވެހި ރައްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 64 ވަނަ މާއްދާއަށް ރިޔާއަތްކޮށް، އެއްވެސް ފަރާތަަކުން ކުރާ ޣައިރު ގާނޫނީ އަމުރުތަކަކަށް ތަބާނުވެތިބުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ. އެހެން ކަމުން، ޖޭއެސްސީއަށް ހާޒިރުވުމަށް އެންގި އެންގުމަށް ވަޑައިގަންނަވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ ”ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް“ ގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

