ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެއްލައްކަ ޑޮލަރު ފޭރުނު މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށް އެ މީހުން ދުއްވި ލޯންޗް ހޯދައިފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއްގެ އަތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ބްރީފް ކޭސްއެއް ފޭރިގަނެފައެވެ.
ފޭރިގަނެފައިވާ ފައިސާގެ އަދަދު ބޮޑުކަމަށް މައުލޫމާތު ލިބެއެވެ. ބޭންކް ރޭޓު އަދި ދިވެހި ރުފިޔާ އިން ބަލާ ނަމަ، ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާގެ ޑޮލަރު މި ބްރީފް ކޭސްގައި ހުރިކަމަށް ވެއެވެ.
މިއީ ގާތްގަނޑަކަށް 100،000 އެމެރިކާ ޑޮލަރެވެ. މި ފައިސާއަކީ އެ ދުވަހު ހެނދުނު ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ދޫކުރުމަށް ގެންދިޔަ ޑޮލަރުކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ވީއައިއޭގައި ހިނގި ފޭރުމުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ.
”މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، މި ކުށް ކުރުމަށް ބޭނުންކުރި ލޯންޗު މިހާ ވަނީ ހޯދާފައި،“ އިހުސާން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 4:25 ހާއިރުއެވެ. ފުލުހުން މިހާރު ދަނީ މި ފޭރުމުގެ ހާދިސާގެ ފަހަތުގައި ތިބި އެންމެން ހޯދައި، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

