ޅ. ހިންނަވަރަކީ ރައްޔިތުން ބޭނުންވި ތަރައްގީ ނުގެނެވި، މީގެކުރިން އަޅާނުލައި ވަރަށް ބޮޑަށް ދޫކޮށްލެވިފައި އޮތް ރަށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިންވަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ ހިންނަވަރުގެ ރައްޔިތުން ބޭނުންވާ މިންވަރަށް ތަރައްގީ ގެނެސްދެއްވާނެކަމަށެވެ. ހިންނަވަރަކީ ވަރަށް ބޮޑަށް އަޅާނުލައި ދޫކޮށްލެވިފައިވާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށުގެ ބިން ހިއްކި ސަރަހައްދުން ވެސް ރައްޔިތުންނަށް މާބޮޑު މަންފާއެއް ކުރާތަން ނުފެންނަ ކަމަށެވެ.
އެ ބިމުން އެތައް ގޯއްޗެއް ދޫކޮށްފައިވީ ނަމަވެސް ބޭނުންވާ އަސާސީ ހިދުމަތް ގާއިމުވެފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ފެނާއި ނަރުދަމަ ގާއިމު ކުރުމުގެ މި ޕްރޮޖެކްޓު ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކުރިޔަށް ގެންގޮސްދެއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ވަރަށް ބޮޑަށް އަޅާނުލައި ދޫކޮށްލެވިފައި އޮތް ރަށެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔައީ..
މީގެއިތުރުން ރައީސް ވަނީ ރަށުގައި ފުލުހުންގެ މަރުކަޒެއް ގާއިމު ކުރުމަށްޓަކައި، މިހާރު ފެށިގެން ދިޔައީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. މިއީ ހިންނަވަރު ފަދަ އާބާދީއެއް އޮތް ރަށެއްގައި އަމާންކަން ގާއިމުކުރުމަށްޓަކައި އެޅިގެން ދިޔަ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.
މަޝަރޫއުތައް ހުއްޓިފައި ހުރި ސަބަބުތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރު ބަދަލުވުމަށް ފަހު ބައެއް ކުންފުނިތަކުން މަސައްކަތް ނުކޮށް ދޫކޮށްލައި ދިޔަކަމަށެވެ. އަދި ބައެއް ކުންފުނިތަކަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދޫކުރި ނަމަވެސް މަސައްކަތް ނުކުރާކަމަށް ރައީސް ވިދާޅުވި އެވެ.
މި މައްސަލަ ހައްލު ކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވާހަކަ ދައްކަައިގެން ވެސް މަސައްކަތް ކުރިޔަށް ގެންދެވޭނެ މަގެއް ނުހޯދޭ ހާލަތެއްގައި އެގްރިމަންޓު ބާތިލުކޮށް އެހެން ބަޔަކާއި މަސައްކަތް ހަވާލު ކުރާނެކަމަށެވެ. އަދި އެގޮތަށް މިހާރު ވެސް ބައެއް ކުންފުނިތަކާއި ހަވާލު ކުރެވިފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ ރަށުގެ އާބާދީ ބޮޑުވުމުގެ ސަބަބުން ކުނި މެނޭޖު ކުރުމުގައި ދަތިތައް ދިމާވެފައިވާކަމަށް ވިދާޅުވެފަ އެވެ. މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ވެމްކޯގެ ހިދުމަތް ހިންނަވަރުގައި ގާއިމުވެގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

