ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނައިފަރުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ މަޝްވަރާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމުގެ ގޮތުން ކުރިއަށްގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން، ފާދިއްޕޮޅު ނައިފަރު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ.

ނައިފަރު ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާއި، ރައްޔިތުންގެ އެންމެ ބޮޑު އެދުންތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެވިފައެވެ.

ބިމުގެ ދަތިކަމަށް ޙައްލު ހޯދުމުގެ އެދުން

ނައިފަރުގެ ރައްޔިތުން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ ބިމުގެ ދަތިކަމެވެ. ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، ނައިފަރަކީ އާބާދީ ބޮޑު، ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. އެހެންކަމުން، ރަށުގެ އިޙްތިޞާސްގައި ޅ. އަތޮޅު މަޑިވަރު ހިމަނުއްވައި، ނައިފަރާއި އެރަށް ގުޅާލުމުގެ މަސައްކަތް ކޮށްދެއްވުމަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ. މިކަމަކީ ރަށުގެ ދިގު މުއްދަތުގެ ބޯހިޔާވަހިކަމާއި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ބޭނުންތައް

ޞިއްޙީ ދާއިރާއިން ޅ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ވަނީ ހޮސްޕިޓަލުގެ ޚިދުމަތްތައް ކުރިއަރާފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، މުވައްޒަފުންގެ ދަތިކަމަށް ޙައްލު ހޯއްދެވުމަށާއި، ހޮސްޕިޓަލުގެ ލެވެލް މަތިކޮށް، އިތުރު ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރަށުގެ އާބާދީ އިތުރުވަމުން ދިއުމާ ގުޅިގެން، ސްކޫލްގެ ފަރާތުން ވަނީ އިތުރު ޕްރައިމަރީ ސްކޫލެއް އަޅުއްވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ. މި ދެ ދާއިރާއިން ވެސް އެދިވަޑައިގެންނެވި ކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

ސްޓޭޓް ހައުސް ބިމުގައި މަލްޓިޕަރޕަސް އިމާރާތެއް އެޅުމަށް އެދުން

ރަށުގައި ސްޓޭޓް ހައުސް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްޓަކައި، ހަމައެކަނި ސްޓޭޓް ހައުސްއެއްގެ ބަދަލުގައި، ރަށުގެ އެހެނިހެން ބޭނުންތަކަށް ވެސް ފައިދާކުރާނެ ގޮތަށް އޮޑިޓޯރިއަމް، މީޓިން ރޫމް އަދި ހޯލް ހިމެނޭ މަލްޓިޕަރޕަސް އިމާރާތެއްގެ ގޮތުގައި އެތަން ތަރައްޤީކޮށްދެއްވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ އެދިވަޑައިގެންފައެވެ. މިފަދަ ޢިމާރާތަކުން ރަށުގެ އިޖުތިމާޢީ އަދި އިދާރީ ކަންކަން ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޖަވާބު

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ފާހަގަކުރެއްވި ހުރިހާ ކަމެއް ދިރާސާކުރައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. މިފަދަ ބައްދަލުވުންތަކަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކޮށް، ރަށު ފެންވަރުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ހައްލު ހޯދުމަށް މަގުފަހިވާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: