ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން އިތުރު ކުރުމަށް ކ. ކާށިދޫގެ ބިމުން 1 ހެކްޓަރުގެ ބިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. އަދި ކ. ކާށިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ.
ފުޑް ސެކިއުރިޓީ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހެދޭ އަދި ޒަމާނުއްސުރެ ކެއުމަށް ބޭނުންކުރާ ކާނާގެ ބާވަތްތައް އާލާކުރުމާއި، ކާނާގެ ދަތިކަމުގެ ޙާލަތެއް ދިމާވެއްޖެނަމަ، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމި ތިބުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ފަސޭހަކަމާއެކު ރަށުން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.
ދަނޑުވެރިކަމަށް ޚާއްސަ ކުރެވިގެން އިޤްތިޞާދީ ޒޯނެއް މިއަހަރުތެރޭގައި ޤާއިމް ކުރެވި، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ މަޝްރޫއުއެއް ފެށިގެންދާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު މިއަހަރު ވަނީ އިއުލާނު ކުުރައްވާފައެވެ. އެ މަޝްރޫއުގެ ދަށުން ސަރުކާރުން ގެންދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ކުރިމަތިވެފައިވާ، އެންމެ ބޮޑު ގޮންޖެހުމަކީ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށް ހުރި ގޮންޖެހުންތަށްކަމަށް ރައިސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސް ވަނީ އެކަމަށް މިއަހަރު ޚާއްސަ މަޝްރޫޢުއެއް ފައްޓަވާ، އޭގެން ރާއްޖޭގެ އިޤްތިޞާދަށް ނަފާ ހޯދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއަށް މިފަހުން ކުރިމަތިވި ޕެންޑަމިކްގެ ތެރޭގައިވެސް އެންމެ ބޮޑަށް ކުރިމަތިވި އެއް ގޮންޖެހުމަކީ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވި ގޮންޖެހުންތަކެވެ. ސަބަބަކީ ރާއްޖެގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީ ނުކުރެވި، ފުޅާނުކުރެވި އޮތުމެވެ.
އެހެންކަމުން ރައީސް ޑރ. މުޙައްމަދު މުޢީޒު އިސްކަމެއްދެއްވަވައިގެން މިސިނާއަތްފުޅާކުރެއްވުމަށް މިއަހަރު ފައްޓަވާ މަޝްރޫޢު ގެ ސަބަބުން، މުސްތަޤްބަލްގައި ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތަކަށް ބަރޯސާވުން ކުޑަކުރެވި، ދިވެހި އުފެއްދުންތެރިކަން އިތުރުވެ، ކާނާގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމާއިމެދު ޝައްކެއްނެތެވެ. އަދި ރާއްޖެގެ އިޤްތިޞާދުގެ މައިގަނޑު އެއް އަސާސަކަށް ދަނދުވެރިކަމުގެ ސިނާޢަތްވެގެންދާނެކަމާއިމެދު ޝައްކެއްނެތެވެ

