ގިނަ ވެގެން 12 މަސް ދުވަހުގެ ތެރޭގައި ކ ދިއްފުށީގެ ބިންހިއްކައި ނިންމައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް އެފަދައިން ވިދާޅުވީ ކ ދިއްފުށީގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، އަންނަ އަހަރު އެ ރަށުގައި ޑޮލަރު އޭޓީއެމް ޤާއިމުކޮށްދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ.
ރައީސް ވަނީ ދިއްފުށީގައި ދެންވެސް ސަރުކާރުން ރާވާފައިވާ އެކި މަޝްރޫއުތަކުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ދިއްފުށީގައިވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ބައެއް ވައުދުތައް ފުއްދެވުމުގެ އަމަލީ މަސައްކަތްތައް މި ދަތުރުފުޅުގެ ތެރެއިން ފެށިފައިވާ ކަމަށެވެ. އެގޮތުން މުހިއްމު މަޝްރޫއުތަކެއްގައި ސޮއިކުރެވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވަނީ އެ މަޝްރޫއުތައް ނިންމުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން، ގިނަ ވެގެން 12 މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ބިންހިއްކައި ނިންމައިދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްޤީ އައުމަށް ދޮރުތައް ހުޅުވިގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، އެ ރަށުގައި އައު މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރެވި، މިއަހަރުގެ ތެރޭގައި މިސްކިތުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް ވަރަށް އަވަހަށް ބަޔަކާ ޙަވާލު ކުރައްވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ސިއްޙީ ދާއިރާ ކުރިއަރުވައި ފުޅާ ކުރުމާއި، ޖާގަ ތަނަވަސްކޮށް، އިންސާނީ ވަސީލަތްތައް އިތުރު ކުރުމަށްވެސް ސަރުކާރުގެ ޕްލޭންތަކެއް އެބަހުރިކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

