ލާމަރުކަޒީ ނިޒާމުގެ ހަގީގީ ބާރުވެރިކަން މިއަދު ދިވެހިރާއްޖޭގެ ރަށްތަކަށް ކަށަވަރުވަމުންދާ ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ތާރީޚީ ދަތުރުފުޅުތަކާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި މިއަދު ކޮންމެ ރަށެއްގެ ރައްޔިތުން އެދޭ ތަރައްޤީގެ މަޝްރޫޢުތައް ފެށި، އަސާސީ ޚިދުމަތްތައް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ކޮންމެ ރަށަކަށް ދަނީ ލިބެމުންނެވެ.
މިނިސްޓަރ ސައީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އެތައް އަހަރެއްވީ ދޮށީ ތާރީޚުގައްޔާއި، ރާއްޖެ އިސްލާމްވުމަށްފަހު ލިޔެވުނު 900 އަހަރުގެ ދިގު ތާރީޚުގައިވެސް ޤައުމުގެ އެންމެ މަތީ ވެރިއަކު ރާއްޖޭގެ މީހުންއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވީ މިއީ 2 ވަނަ ފަހަރެވެ. އެމަނިކުފާނު ވިދާޅުވީ، ލިބިފައިވާ މަޢުލޫމާތު ކުށް ނޫންނަމަ، މީގެ ކުރިން ރައީސަކު ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންކަމަށެވެ.
ރައީސް މުޢިއްޒު މީހުން އުޅޭ 187 ރަށާއި ސިޓީތަކަށް 1 އަހަރާއި 11 މަހުން ނުވަތަ ގާތްގަނޑަކަށް 110 ހަފުތާގެ ތެރޭގައި ޒިޔާރަތްކުރެއްވުމަކީ ރަށްތަކަށް އިސްކަން ދެއްވުމާއި، މުރާލިކަމުގައި ނަމޫނާއެއްކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި މުގުރައިލުން ދެން ފަސޭހަ ނުވާނެ ޝަރަފްވެރި ރެކޯޑެކެވެ. އެގޮތުން ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކޮންމެ ރަށަކު ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާވެސް ބައްދަލުކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެންމެ ކުރީ ސަފުގައި އިސްރަށްވެހީން ބައިތިއްބަވައި ޢިއްޒަތް ދެއްވާފައެވެ. އަދި ކުޑަކުދީންގެ ޙާލު ބައްލަވައި، ސްކޫލް ކުދިން ހުށަހެޅި ކަންކަމަށް ވަގުތުން އިޖާބަ ދެއްވިކަން މިނިސްޓަރ ވިދާޅުވިއެވެ.
ހަމައެއާއެކު، ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައި، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވިކަން ސައީދު ފާހަގަކުރެއްވިއެވެ. މިކަންކަމުން ފެނިގެންދަނީ ރައީސަކީ ރައްޔިތުންގެ ޙާލު ގާތުން ބައްލަވައި ރައްޔިތުންގެ އަޑު ގާތުން އައްސަވާ ވެރިއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ، މި ދައުރު މެދަށް ދާއިރު ހުރިހާ ރަށަކަށް ދެވަނަ ޒިޔާރަތް ނިންމަވާނެކަމަށް ބެލެވޭ ކަމަށާއި، މިކަން ވާނީ މުޅި ޤައުމު ބަލައިގަންނާނެ އުފަލަކަށް އަދި ފަޚުރަކަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ޙާލު އަމިއްލައަށް ދެކެވަޑައިގަންނަވައި، ރަށްތަކަށް އިސްކަންދެއްވުމުގެ ސަބަބުން ލާމަރުކަޒީ ހަގީގީ ބާރުވެރިކަން މިއަދު ރަށްތަކަށް ކަށަވަރުވަމުންދާ ކަމުގެ ޔަޤީންކަން ލިބިގެންދާ ކަމަށެވެ.

