ޤައުމަށް ގައްދާރުވެ، ޤައުމުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ބޭނުންކުރާ މީހުންނަށް މާފުވެސް ދެވިގެން ނުވާނެކަމަށް ޤަބޫލު ކުރައްވާކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ، އޭސީސީއަށް ތަހުގީގީ އިދާރާއެއްގެ ގޮތުގައި ބާރުތައް ދިނުމުން ބައެއް ފަހަރު މަޝްރޫއުތައް ހުއްޓުވާ ގޮތަށް އެތައް އަހަރުތަކެއް ވަންދެން ހުއްޓުވާފައި އޮންނަ ކަމަށާއި، ތަހުގީގުތަކަށް ލިބޭ ކުރިއެރުމެއް ނެތް ކަމަށެވެ. އެގޮތުން ބައެއް ފަހަރު 5 އަހަރުވާއިރުވެސް އެ މަޝްރޫއުތައް ހުއްޓުވާފައި އޮންނަ ގޮތަށް އޮންނަކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އޭސީސީއަށް ބާރުތަކެއް ދިން ނަމަވެސް، އެ ބާރުތަކުގައި ކޮންމެވެސް ހުދޫދެއްވެސް އޮންނަންޖެހޭކަމަށް ސައްތާރު ވިދާޅުވިއެވެ.
އޭސީސީން އެކަމެއް ހުއްޓުވައިފިއްޔާ އަވަހަށް އެކަމެއް ބަލައި، މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކޮންމެވެސް ކަހަލަ މަގެއް ދައްކައިދޭން ޖެހޭނެތާ
މެމްބަރު ވިދާޅުވީ، ބައެއް ޙާލަތްތަކުގައި އޭސީސީއަށްވެސް ބާރުތައް އޮޅުންބޮޅުން އަރާގޮތްވާ ކަމަށެވެ. އެގޮތުން ފްލެޓުތަކުގެ މައްސަލައިގައި ކަންކަން ދިޔައީ އެމަގުންކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވި ގޮތުގައި އޭރު އޭސީސީއަކީ ފްލެޓު ދޫކުރާ ތަނަކަށް ވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ.
އެހެންކަމުން ކޮރަޕްޝަންގެ މައްސަލަތައް ބަލާ އިދާރާކަމަށްވާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކަށީގެންވާ ބާރުތައް ނުލިބޭ މައްސަލަތަކާއި، ބާރުތައް ލިބުމުން އެ ބާރުގެ ނާޖާއިޒު ފައިދާ ނަގާ މައްސަލަތައްވެސް ފެންމަތިވެފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮންމެ ކަމަކީ ކޯޓަށް ގޮސްގެން ޙައްލުކުރަންޖެހޭ ކަމަކަށްވެސް ވެގެން ނުވާނެކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޤައުމު ހިންގުމުގެ ބާރުގައި ތިއްބަވާ ބޭފުޅުންވެސް ޤާނޫނުތަކާއި ޤަވާއިދުތައް ބަލައި އިޙްލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭނެކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުން އޮޑިޓް އޮފީހުން ޤަވާއިދުން ބަލަންޖެހޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން މުހިއްމުކަމަށް މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމަށް ގައްދާރުވެ، ޤައުމުގެ ފައިސާ ބޭނުންކޮށްގެން ހިޔާނަތްތެރިވާ ފަރާތްތަކަށް މާފުދެވިގެންވެސް ނުވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޓެކްސް ފައިސާއަށާއި، ޤައުމަށް ހިޔާނަތްތެރިވާ މިފަދަ ގައްދާރުންނަށް މާފުވެސް ދެވިގެން ނުވާނެ، އަޅުގަނޑުގެ ހިޔާލަކީ އެއީ، މާފު ދެވޭނެ ދޮރު ހަމަ ސީދާ ޓޯޓަލީ ބަންދުކުރަންވީ
މެމްބަރު އިތުރަށް ވިދާޅުވީ، ކަންކަން ބަދަލުވާން ޖެހޭ ކަމަށާއި، ޤައުމުގައި ހުރި މައްސަލަތައް ޙައްލުވާނީ އޭރުން ކަމަށެވެ. އަދި ކުރިން މައްސަލަތައް ބަލާފައި ނުވުމަކީ ފަހުންވެސް އެކަން އެހެން އޮންނަންޖެހޭ ސަބަބެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.

