ނާޖާއިޒް މަންފާތަކެއް ހާސިލުކުރުމުގެ ގޮތުން ސަރުކާރުން ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގެ ބިންތައް ބަހާލުމަށް ރާވަމުންދާކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.
ސޯޝަލްމީޑިއާގައި ސަރުކާރަށް ފާޑުވިދާޅުވެ އާންމުކުރެއްވި މެސެޖެއްގައި ކުރީގެ ހޯމް މިނިސްޓަރ އިމްރާންވަނީ ސަރުކާރުން ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖޭގެ ބިންތައް ބަހާލުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވާފައެވެ. އިމްރާންވަނީ އެކަމަށް ދިވެހިން ޖާގަ ނުދޭނެކަމަށް ފާހަގަކޮށްފައެވެ.
އޭނާ ވިދާޅުވީ، ކޮންމެ ރަށެއް، ފަޅެއް ފިނޮޅެއް އެއީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި، ބޮޑެތި ކުށްތަކުގައި ހިމެނޭ ބޭރުގެ މާފިޔާތަކުން ބިލިއަނުން ފައިސާ ނަގައި އަމިއްލަ ޖީބުފުރާލާއިރު ދިވެހިންނަށް ހިނގަމުންދާ ކަންކަން ފަހުމު ނުވާނެކަމަށް ހީނުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން އެދިވަޑައިގަންނަވާކަމަށެވެ.
އިމްރާން ވިދާޅުވީ، ކަނޑުފަޅާއި ޖައްވުގައި ޖެހޭ ވަޔަކީވެސް ދިވެހިންގެ މިލްކެއް ކަމަށެވެ. އަދި އެ ނިއުމަތްތައް ދިވެހިންގެ އަތުން ފޭރުމަށް މަސައްކަތްކުރާ އެންމެން ބަލިކަށިކޮށްލުމަށް ދުއާކުރައްވާކަމަށާއި މީގެ ކުރިންވެސް އެފަދަ ބަޔަކުގެ ކިބައިން ގައުމު ސަލާމަތްކުރުމަށް ދިވެހިން ނުކުތް އުސޫލުން ނުކުންނާނެކަމަށްވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ސްޕެޝަލް އިކޮނިމިކް ޒޯންގެ ޤާނޫނަށް ބަދަލުގެނައުމަށް ސަރުކާރުން މަޖިލީހަށް ފޮނުވާފައި އޮތް ބިލުން އެކަނިވެސް ރައީސްއަށް މުހިންމީ ފައިސާކަން އެނގޭކަމަށާއި މީގެ ކުރިން ހީކުރެއްވި ގޮތާއި ހިލާފަށް މިފަދަ ކަންކަމުގައި އެމަނިކުފާނުގެ ކިބައިން އެއްވެސް ހަމައެއް ފެނިގެން ނުދާކަމަށެވެ.

