ތޫނު އެއްޗަކުން ހަމަލާދީ ލ. މާވަށް / ނަލަހިޔާ، މޫސާ އިބްރާހީމް (29އ) މަރާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު / އަސަރީމަންޒިލް، މުހައްމަދު އިބްރާހިމް (29އ) ގެ މައްޗަށެވެ.
ބުދަ ދުވަހުގެ މި އަޑުއެހުމުގައި ކުރިއަށްދިޔައީ ދައުލަތުން ދައުވާ ހުށަހެޅުމެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ މަރުގެ އަދަބެވެ.
ދެވަނަ ދައުވާއަކީ މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އަންނާނެ އަދަބަކީ 6 މަހާއި 12 މަހާއި ދެމެދުގެ މުއްދަތެއްގެ ޖަލު ޙުކުމެކެވެ. ނަމަވެސް މަރުގެ މައްސަލަ ސާބިތުވެއްޖެނަމަ މި ދައުވާއަށް އަދަބު ކަނޑައެޅުމުގެ މަސްލަޙަތެއް ނޯންނާނެކަން ދައުލަތުން ފާހަގަކުރިއެވެ.
މި ދެ ދައުވާވެސް އުފުލާފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ބޭނުން ކުރުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެއީ 25 އޯގަސްޓު 2025 ގައި އަމަލުކުރަން ފަށާފައިވާ ގޭންގް ކުށްތަކުގެ އައު ޤާނޫނާއެކު މިހާރު އުވިގެން ގޮސްފައިވާ ޤާނޫނެކެވެ. އެހެންކަމުން ގާޒީ ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ގޭންގް ކުށްތަކުގެ ޤާނޫނުގައިވެސް މި ކުށް ތަޖުރީމް ކުރެވިފައިވާ ކަމަށާއި، އަދަބު ކަނޑައެޅިފައިވަނީވެސް އެއްގޮތަށް ކަމަށެވެ.
ދައުލަތުން ދައުވާ ހުށަހެޅުމުން ގާޒީ ވަނީ ދައުވާލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް ސާފުކޮށްދެއްވާފައެވެ. އަދި ލިއެކިއުންތައް ލިބިފައިވޭތޯ ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ސާފުކޮށްދެއްވިއެވެ.
މި އަޑުއެހުމުގައި ވާހަކަ ދައްކަމުން ދައުވާލިބޭ ފަރާތުން ވަނީ އޭނާ ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައެވެ. އެހެންކަމުން ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެކޯޓުގެ އިސްގާޒީ އާދަމް މުޙައްމަދުއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މުހައްމަދު އިބްރާހީމް ހައްޔަރު ކޮށްފައިވަނީ ހާދިސާ ހިނގި ދުވަހު، ޖުލައި 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

