ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ބަޔަކަށް އަދި ނުއަގުގައި ޕްރޮޖެކްޓްތައް ދޭކަމަށް ބުނެ އެމްޑީޕީގެ ކަންބޮޑުވުން!

އެމްޑީޕީން ބޭއްވި ކޮންގްރެސްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ވަކި ބަޔަކަށް އަދި ނުއަގުގައި ޕްރޮޖެކްޓްތައް ދެމުންދާކަމަށް ބުނެ އިދިކޮޅު މައިޕާޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލީ ނިޒާމުގެ އިތުބާރު ގެއްލި، ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޢަމަލުކުރެވެމުން އައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަކީ ޒަމާނީ ޕަބްލިކް ފައިނޭންސް ނިޒާމެއް ހިންގުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާއެއްގެ ލަފާއާއެކު އެކުލަވައިލައިފައިވާ ގަވާއިދެއް ކަމަށެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ ކޮރަޕްޝަނަށް މަގުފަހިކުރުމުގެ ގޮތުން، ދައުލަތުގެ އެންމެހާ ޕްރޮކިއުމަންޓެއް އިއުލާންކުރުމެއް ނެތި އަދި ބިޑްކުރުމުގެ އެއްވެސް އިޖުރާއަތެއް ފުރިހަމަކުރުމަކާނުލައި، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ބޭނުން ފަރާތަކަށް ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ ގެ އުސޫލުން ހަވާލުކުރެވޭ ގޮތަށް ޤަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ފާހަގަކުރާ ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ މި ބަދަލުތަކުގެ ސަބަބުން، ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން، ”ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ ބާވަތުގެ މަޝްރޫޢުތަކާއި، ސަލާމަތީ ޚިދުމަތްތަކަށް ޚާއްޞަ މަޝްރޫޢުތައް“ ގެ ގޮތުގައި ކަނޑައަޅާ ކޮންމެ މަޝްރޫޢަކީ އެ ކޮމިޓީއިން ބޭނުންވާ ކޮންމެ ފަރާތަކަށް ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ ގެ އުސޫލުން ހަވާލުކުރެވޭނެ މަޝްރޫއެކެވެ.

އެމްޑީޕީން މިކަން ސިފަކުރަނީ ފާއިތުވީ އަހަރުތެރޭ މި ގަވާއިދަށް ގެނެވުނު އެތަކެއް ބަދަލުތަކުގެ ތެރެއިން އެންމެ ނުރަނގަޅު ބަދަލުގެ ގޮތުގައެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން އަދި އިންވެސްޓަރުންނަށް މުޅި ދިވެހިރާއްޖޭގެ މާލީ ނިޒާމާމެދު އޮންނަ އިތުބާރު އެއްކޮށް ގެއްލިފައިވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މި ފަދަ ކަންކަން ބަލައި، ޖަވާބުދާރީ ކުރުމަށް ކަނޑައަޅައިފައިވާ، މަރުކަޒީ ބޭންކާއި އޮޑިޓަރ ޖެނެރަލް އޮފީސް ފަދަ މުއައްސަސާތައް ސިޔާސީކޮށް، ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

މުޅި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ސީދާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ނަގައި، ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ބަދަލުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، އެމްޑީޕީން ސިފަކުރާ ގޮތުގައި މިއީ ސަރުކާރުގެ ޚުދުމަތާރުކަމަށް އިތުރުވާ ބޮޅެކެވެ.

އެމްޑީޕީން ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެވިފައިވާ އެންމެހާ ބަދަލެއް ގެނެސްފައިވަނީ ދައުލަތުގެ ޕްރޮކިއުމަންޓްގެ ތެރެއިން ބޭނުން މަޝްރޫއެއް ބޭނުން ފަރާތަކަށް ބޭނުން އަގެއްގައި ހަވާލުކުރުމަށް މަގުފަހި ކުރުމަށް ކަމަށް ބުނެފައެވެ.

މިފަދަ ކަންކަމުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މިނިވަންކަމާއި، ދެފުށްފެންނަގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ހުރަސް އެޅި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމުގެ ޖާގަ ހުޅުވިގެންދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފައިވެއެވެ.

އެހެންކަމުން އެމްޑީޕީގެ ދެން އުފެދޭ ސަރުކާރެއްގައި، މިފަދައިން ހަދާފައިވާ އެންމެހައި އެއްބަސްވުންތަކުގެ މައްސަލަތައް ބަލާނެ ކަމަށާއި، މިފަދަ ބަދަލުތަށް ގެނައުމުގައި އަދި ތަންފީޒުކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްސަލަބަލައި، ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީން ގޮވާލަނީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަމަހަމަ އަދި ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: