ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނި ނުހިމަނާ 2026 ގެ ބަޖެޓު މި އަހަރަށްވުރެ ކުޑަ: ޒަމީރު

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަންނަ އަހަރަށް ލާފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަންޏަށް ކުރަންޖެހޭ ހަރަދުތައް ނުހިމަނާ 2026 ވަނަ އަހަރަށް ހުށައެޅީ މި އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހިއްސާކުރައްވައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ޒަމީރު ވިދާޅުވީ، އެ އަހަރަށް ހުށައަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާ ނުހިމަނާ ބަޖެޓުގެ ޖުމުލަ އަދަދަކީ 55 ބިލިއަން ރުފިޔާކަމަށެވެ. އެއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ޖެހޭތީ އައިސްފައިވާ އިތުރުވުމެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވާރުތަވެފައިވާ ދަރަނިތައް ދެއްކުމުގެ ހަރަދު ނުލާނަމަ 2026 ވަނަ އަހަރަށް ހުށައެޅިފައިވަނީ 2025 ވަނަ އަހަރަށްވުރެ ކުޑަ ބަޖެޓެއްކަމަށެވެ. ނަމަވެސް މެދުރާސްތާގައި ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ކުޑަވާނެކަމަށް ބެލެވޭތީ 2027 ވަނަ އަހަރު 56.8 ބިލިއަން ރުފިޔާ އަދި 2028 ވަނަ އަހަރު 57.0 ބިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓު ދަށްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ޚަރަދަށްކަމަށްވެސް ހިއްސާކުރެއްވިއެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭކަން ހާމަކުރެއްވިއެވެ.

ބަޖެޓު އަމާޒުކުރެވިފައި ވަނީ ދިވެހިންގެ ދިރިއުޅުމަށް ފައިދާކުރާނެ ދާއިރާތަކަށް ކަމަށާއި އެއީ ތަޢުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކެއް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އަންނަން އޮތް އެތައް އަހަރުތަކަކަށް ޤައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިޤްތިޞާދީ އިންޖީނުތަކަށްވެސް މި ބަޖެޓުގައި އިންވެސްޓްކުރުމަށްވެސް ހިމެނިފައިވާކަން ހިއްސާކުރެއްވިއެވެ. މި ބަޖެޓު ފަރުމާކުރެވިފައިވަނީ ދިވެހިންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް، ދިވެހިންނަށް ހަޤީގީ މާނާގައި ތަރައްޤީ ގެންނާނެ ގޮތަށް ވިސްނައިގެންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: