ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ދިނުމަށް 807 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ޚަރަދު ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓްގެ ގޮތުގައި 807.9 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުން އަލަށް ޖުޑީޝަރީއަށް މާލީ މިނިވަންކަން ދިނުމަށް މިއަހަރު ނިންމާފައިވުމުން، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ބަޖެޓުގައި ޖުޑިޝަރީގެ ދާއިރާއަށް ހިނގާ ޚަރަދު ވާނީ ގްރާންޓެއްގެ ގޮތުގައި ދިނުމަށްވެސް ނިންމާފައި.
ހަމައެއާއެކު، މިއީ މިހާރު މިދާއިރާއަށް ކުރެވޭ ހަރަދާ އަޅާބަލާއިރު 250 މިލިއަން ރުފިޔާގެ އިތުރުވުމެއްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފެށިގެން މާލީ އަދި އިދާރީ މިނިވަންކަން ލިބޭނެ ގޮތަށް ބަދަލުތަކެއް ގެނައުމަށެވެ. އެގޮތުން ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ކަނޑައަޅާ، އެ ފައިސާ ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބްލޮކް ގަރާންޓުގެ ގޮތުގައި ދޫކޮށް، ޖުޑިޝަރީގެ ފުރިހަމަ މާލީ ބާރު ހިނގާނެ ނިޒާމެއްގެ ތެރެއިން ޚަރަދު ކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށްވަނީ ނިންމާފައެވެ.

