ހިލޭ ލޮލުގެ ޓެސްޓު ހެދޭނެ އިންތިޒާމާއިއެކު އިތުރު ހަރަކާތްތައްވެސް ހިމެނޭހެން އައިކެއާއިން ވޯލްޑް ސައިޓު ދޭ އިވެންޓު ބޭއްވުމަށް ނިންމައިފިއެވެ.
ލޮލުގެ ފެނުމުގެ ދުވަސް ނުވަތަ ވޯލްޑް ސައިޓް ޑޭ އާ ގުޅިގެން ބާއްވާ އެންމެ ކުލަ ގަދަ އިވެންޓް ބޭއްވުމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާދޭ އައިކެއާއިންވަނީ ތައްޔާރުވެފައެވެ. މި އިވެންޓު ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައި ހަވީރު 16:00 އިން ފެށިގެން 22:00 ގެ ނިޔަލަށެވެ.
އައިކެއާއިން ބުނީ، މި ހަރަކާތަކީ އާއިލާތަކާ އެކު ހިތްއުފާކޮށްލެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އެ ދުވަހު ހަރަކާތުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ހިލޭ ލޯ ޓެސްޓުކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށާއި ހަރަކާތުގައި ބައިވެރިވާ މީހުންނަށް ޚާއްސަ އޮފާތަކާއި ހަދިޔާތައް ދޭން ވެސް ހަމަޖެހިފައިވާކަން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ރާވާފައިވާ ކަންކަމުގެ ތެރޭގައި، އައިކެއާއިން ބާއްވާ ދަރިވަރުންގެ އާޓް މުބާރާތުގެ ކުރެހުންތައް ދައްކާލުމާއި، އައިކެއާގެ ޑޮކްޓަރުންނާއި ބައްދަލުކޮށްލުމުގެ ފުރުސަތުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި، ރޭގަނޑު ލައިވް މިއުޒިކް އަދި ކާނާގެ ބާވަތްތައް ލިބޭ ސްޓޯލްތައް ވެސް ހުންނާނެއެވެ. މި ހަރަކާތުގެ ތެރެއިން ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ހަކުރު ބައްޔަށް މީހުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން އަންނަނީ ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ބާއްވާ، އެކި އޮފާތަކާއި ހަދިޔާތައް ދެމުންނެވެ. މީގެ ކުރީ އަހަރުތަކުގައި ބޭއްވި މި ފަދަ ހަރަކާތްތަކުގައި އެތައް ހާސް މީހުންނެއް ބައިވެރިވިކަމަށް އައިކެއާއިން ވަނީ ބުނެފައެވެ. އެހެންކަމުން، މި އަހަރުގެ ވޯލްޑް ސައިޓް ޑޭއާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ވެސް ވީހާވެސް ގިނަ މީހުން ބައިވެރިވާން އައިކެއާއިން ވަނީ ދައުވަތު އަރުވާފައެވެ.

