ރަސްމާލެއަކީވެސް މުސްތަޤުބަލަށް ބޭނުންތެރި ތަނަކަށް ހެދިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރިޔާޒް ވިދާޅުވީ، މިއަދު ރާއްޖޭގެ އިޤްތިސާދީ ޙާލަތު އޮތް ގޮތުންނާއި، ވަޒީފާގެ ބާޒާރާއި ޕާޓީ ސިސްޓަމްގެ ކަންކަން ހުންނަގޮތުން ރައްޔިތުން މިއަދު ތިބީ ނުހަނު ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އިންތިޚާބުތަކުގައި ރައްޔިތުން ވޯޓުލާން ނުކުންނަ މިންވަރު މަދުވާ ސަބަބަކަށްވެސް އެކަން ވެގެންދާކަމަށް ރިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ތައުލީމު ޙާސިލުކޮށްގެން ތިބޭ ޤާބިލު ކުދިން އިންތިޚާބުތަކުގައި ވާދަ ކުރުމަށް އޮންނަ ޝައުޤުވެރިކަން ކެނޑިގެންދާ ސަބަބަކަށްވެސް އެކަން ވެގެންދާކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ، ރަށްރަށުންވެސް މާލެއެކޭ އެއްގޮތަށް ޚިދުމަތްތައް ލިބޭނަމަ އެ ރަށްރަށަށް ރައްޔިތުން ދިރިއުޅުން ބަދަލު ކުރާނެ ކަމަށެވެ. ނަމަވެސް މިއަދު ކަން އޮތީ އެގޮތަކަށް ނޫންކަމަށް ރިޔާޒް ވިދާޅުވިއެވެ. އެގޮތުން ތައުލީމާއި، ސިއްޙަތާއި އާންމު ދިރިއުޅުމުގެ ފެންވަރުވެސް ކުދި އާބާދީތަކުގައި ދަށްކަން ރިޔާޒް ފާހަގަ ކުރެއްވިއެވެ.
ރިޔާޒް ވިދާޅުވީ އެކަންކަން ޙައްލު ކުރުމަށްޓަކައި ކުރެވިދާނެ ކަންކަން އެބަހުރި ކަމަށާއި، އާބާދީތައް އެއްފަސް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި އެޅުމަކީވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ހުޅުމާލޭގައި މީހުން އާބާދުވާން ފެށުން ރިޔާޒް ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، ރަސްމާލެއަކީވެސް މުސްތަޤުބަލަށް ބޭނުންތެރި ތަނަކަށް ވެދާނެކަމަށް ރިޔާޒް ވިދާޅުވިއެވެ. ނަމަވެސް މިވަގުތުގެ ޙާލަތަށް ބަލާއިރު، އެއީ ނުހަނު ބޮޑު ޚަރަދެއް ކަމަށާއި، އޭގެ ބަދަލުގައި މިހާރު ހިއްކާފައި ހުރި ތަންތަން ތަރައްޤީ ކޮށްފިނަމަ ރައްޔިތުންނަށް މާ ފައިދާ ވާނެކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއަށްފަހު ރަސްމާލެ ހިއްކައި މީހުން ދިރިއުޅެވޭ ވަރަށް ޚިދުމަތްތައް ޤާއިމު ކުރުން މާ މުހިއްމު ކަމަށެވެ.
ރިޔާޒް ވިދާޅުވީ ކޮންމެ ސަރުކާރެއް ވެސް ބޭނުން ވާނީ ރައްޔިތުންނަށް އެންމެ ފަހިގޮތަކަށް ހިދުމަތްތައް ފޯރުކޮށްދީ، މަސައްކަތުގެ ނަތީޖާ ނެރުމަށް ކަމަށެވެ.

