ދުންފަތުގެ އިސްތިޢުމާލަކީ ދުނިޔޭގެ އެތައް ގައުމެއްގައިވެސް ޞިއްޙީ ގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ރާއްޖެއަށް ބަލާއިރު، މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2022 ގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި އެންމެ ގިނައިން މީހުން ބަލި މަޑުކަމާއި ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ދުންފަތާއި ގުޅުން ހުރި ގައިންގަޔަށްނާރާ ބަލިތަކެވެ.
މި ބަލިތަކުގެ ތެރޭގައި ހިތުގެ ބައްޔާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ހަކުރު ބައްޔާއި ކެންސަރު ބަލި ހިމެނެއެވެ. މިފަދަ ބަލިތަކަށް ހުށަހެޅޭ އާއްމު އެއް ހިރާސް އަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުމެވެ.
މި ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި، ދުރު ރާސްތާގައި ގިނަ ފައިދާތަކެއް ލިބޭނެ މުހިއްމު ބަދަލެއް ކަމުގައިވާ ޖެނެރޭޝަނަލް ބޭން ގެ ސިޔާސަތުތަކަށް ސަމާލުކަން ދިނުމަކީ ލާޒިމު ކަމެކެވެ.
ގަބާލު ކުރަން ޖެހޭ އެއް ހަގީގަތަކީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރު ވަރަށް ބޮޑުކަމެވެ.
ހެލްތް މިނިސްޓްރީން ހިއްސާކުރާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ ގާތްގަނޑަކަށް %84 މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހިގެން މަރުވާ މީހުންނެވެ. އަދި އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަންޖެހެނީވެސް މިފަދަ ބަލިތަކަށް ފަރުވާ ދިނުމަށެވެ.
ނެޝަނަލް ހެލްތު އެކައުންޓްސް ގެ ހިސާބުތައް ދައްކާ ގޮތުން، ޞިއްޙީ ޚިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖް ގޮތެއްގައި ޖީ.ޑީ.ޕީ ގެ %9.7 ނުވަތަ ސަރުކާރުގެ ބަޖެޓްގެ %19 ހޭދަވެއެވެ. މިއީ ދުންފަތުގެ ސަބަބުން އިޤްތިޞާދަށް ކުރާ ބުރަ ބޮޑުކަން ހާމަކޮށްދޭ އަދަދެކެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލުކުރާ ޒުވާން ޖީލުގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ބޮޑެވެ. 2020-2021 ގައި ކުރި ސްޓެޕްސް ސަރވޭގެ ނަތީޖާ ދައްކާ ގޮތުން، ރާއްޖޭގެ ކޮންމެ 4 މީހަކުން 1 އަކީ ދުންފަތުގެ އިސްތިޢުމާލުކުރާ މީހެކެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ، 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސަރވޭއިން ފާހަގަ ކުރެވުނު ގޮތުގައި، ސްކޫލް އުމުރުފުރައިގެ ކުދިންގެ ގާތްގަނޑަކަށް %45 ކުދިން ދުންފަތުގެ ނުވަތަ ނިކޮޓިންގެ ކޮންމެވެސް ބާވަތެއް ބޭނުންކުރެއެވެ. އަދި އުމުރުން 8 އަހަރުގެ ކުދިންވެސް ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާކަން ފާހަގަ ކުރެވިފައިވާއިރު، މިކަމުން ދައްކުވައިދެނީ އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމެވެ.
ޖެނެރޭޝަނަލް ބޭންގެ ސިޔާސަތުތައް
މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ވަނީ ދުރާލާ ގިނަ ސިޔާސަތުތަކެއް އެކުލަވާލާފައެވެ. މިހާރު ތަންފީޒުކުރަމުންދާ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި އީ-ސިގިރޭޓާއި ވޭޕް އެއްކޮށް މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށް ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. ޑިއުޓީގެ ގޮތުގައި ލިބޭ ފައިސާ ޞިއްޙީ ކަންކަމަށް ހޭދަކުރުމުގެ ސިޔާސަތުވެސް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރުމާއި، ފޮޓޯ ޖެހި ޞިއްޙަތުގެ އިންޒާރު ލާޒިމުކުރުމާއި، ސީދާ އަދި ނުސީދާ އިޝްތިހާރުތައް މަނާކުރުން ހިމެނެއެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ޖެނެރޭޝަނަލް ބޭންގެ ސިޔާސަތަށް މަގުފަހިކޮށްދޭނެ އަސާސީ މަސައްކަތްތަކެކެވެ.
ޖެނެރޭޝަނަލް ބޭންގެ މައިގަނޑު މަޤްޞަދަކީ، ވަކި ތާރީޚަކަށް ފަހު އުފަންވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ޤާނޫނީ ގޮތުން ގަތުމުގެ ފުރުޞަތު ނުދިނުމެވެ.
މި ސިޔާސަތު ތަންފީޒުކުރެވިއްޖެނަމަ، ދުރު ރާސްތާގައި ރާއްޖެއަށް އިންތިހާއަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ. އެންމެ ބޮޑު އެއް ފައިދާއަކީ ޞިއްޙީ ހޭދަ ބޮޑުތަނުން ކުޑަވުމެވެ. ހެލްތް މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ދުންފަތުން މީހުން ރައްކާތެރިކޮށް ދުންފަތާ ދުރު ޖީލެއް ބިނާ ކުރެވިއްޖެނަމަ، ޞިއްޙަތަށް މިހާރު ކުރާ ބޮޑު ހޭދަ އެތައްތަނަކުން ކުޑަވެ، އެ ފައިސާ ތަރައްޤީގެ އެހެން ދާއިރާތަކަށް ހޭދަކުރެވޭނެއެވެ.
މީގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ނެތުމުގެ ސަބަބުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ، އުފެއްދުންތެރިކަން މަތިވެގެންދާނެއެވެ. މިހާރުވެސް އަހަރަކު އެވްރެޖްކޮށް 1.1 ބިލިއަން ރުފިޔާ ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށް ހޭދަކުރާއިރު (460 މިލިއަން ސިނގިރޭޓް އެތެރެކުރެވޭ)، މި ހޭދަ ކުޑަވެ، އިޤްތިޞާދީ ގޮތުން ގައުމު އިތުރަށް ފުދުންތެރިވާނެއެވެ.
ޖެނެރޭޝަނަލް ބޭންއަކީ ހަމައެކަނި ޤާނޫނީ ބަދަލެއް ނޫނެވެ؛ އެއީ ދިވެހި މުޖުތަމަޢުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދިގު މުއްދަތަށް ދެމިގެންދާނެ ދުޅަހެޔޮ މުސްތަޤުބަލަކަށް ކުރާ އިންވެސްޓްމެންޓެކެވެ.
ކޮންމެއަކަސް ދުންފަތުގެ އިސްތިޢުމާލުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ނިޒާމަށާއި އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ބަލާއިރު، ޖެނެރޭޝަނަލް ބޭންގެ ސިޔާސަތަކީ ވަރަށް މުހިއްމު، ހަރުދަނާ ފިޔަވަޅެކެވެ.
މި ސިޔާސަތުގެ ސަބަބުން ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ރައްކާތެރިވެ، ގައިންގަޔަށް ނާރާ ބަލިތަކުގެ ނިސްބަތް ދަށްވެގެންދާނެއެވެ. ދުންފަތާ ދުރު ޖީލެއް ބިނާކުރުމަކީ، މާލީ ގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ވެސް ގައުމަށް ބޮޑެތި ފައިދާތަކެއް ހޯދައިދޭނެ، ދުރު ރާސްތާގެ ވިސްނުމަކަށް ބިނާވެފައިވާ މުހިއްމު ބަދަލެކެވެ.

