ދުންފަތާއި ދުރުހެލި މުޖުތަމައެއް ބިނާކުރުމަށް އެޅި ފިޔަވަޅަކީ، ދިވެހިރާއްޖެއަށް ފަހުރުވެރި ވަގުތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓުލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ޤާނޫނު ނަންބަރ 15/2010 ”ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނު“ އަށް ގެނެވުނު 2 ވަނަ އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމާއިއެކު، 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވާ އެއްވެސް ފަރާތެއް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެގެންދާނެއެވެ. އަދި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީވެސް ޤާނޫނީގޮތުން މަނާކަމެކެވެ.
މިކަމާއި ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލި މުޖުތަމައުއެއް ބިނާކުރުމަށް، މިއަދު އެޅިގެން ދިޔަ ފިޔަވަޅަކީ، ތާރީހީ ފިޔަވަޅެއް ކަމަށެވެ. އަދި ވިދާޅުވީ ހެލްތުކެއާ އެޑްވޮކޭޓެއްގެ ހައިސިއްޔަތުން، ކުރިއަށް އޮތް ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވުނު ވަރުގަދަ އިންވެސްޓްމެންޓެއް ކަމަށްވާ، ދުންފަތުގެ ބާވަތްތަކުގެ މައްޗަށް، ޖެނެރޭޝަނަލް ބޭން އެއް ގެނައުމުގައި ސަރުކާރުން އަދާކުރެއްވި ލީޑާޝިޕަށް ތައުރީފުކުރައްވާކަމަށެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ، ޖެނެރޭޝަނަލް ބޭން ވުޖޫދުކޮށް، އެއަށް އަމަލުކުރަން ފެށުމަކީ، ދުންފަތަށް ދެވިހިފުމުގެ ދައުރު މުގުރާލައި، ބަލިތަކުން ތައްކާތެރިވުމަށް އެޅުނު، ހެކިތަކުން ބާރުދޭ، ނިންމުމެއް ކަމަށެވެ. އަދި، ޒުވާނުންނަށް ދުޅަހެޔޮ، ހަރުދަނާ މުސްތަގުބަލެއްވެސް މިކަމުގެ ސަބަބުން ކަށަވަރުކޮށްދެވޭނެކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މިއަދު ސަރުކާރުން، ދުންފަތާއި ދުރުހެލި މުޖުތަމައެއް ބިނާކުރުމަށް އެޅި ފިޔަވަޅަކީ، ދިވެހިރާއްޖެއަށް ފަހުރުވެރި ވަގުތެއްކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

