ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ޕޭ ފްރޭމްވޯކް: ފަންނަށް ބަލައި އުޖޫރަ ކަނޑައެޅުން!

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ އަދާކުރާ ވަޒީފާއާ އެކަށޭނެ އުޖޫރައެއް ކަނޑައެޅުމަކީ ޒަމާނުއްސުރެ ދިމާވެފައިވާ ގޮންޖެހުމެކެވެ.

މި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން ތަޢާރަފުކުރެވުނު ދައުލަތުގެ ޕޭ ފްރޭމްވޯކްގެ މައިގަނޑު އަސާސަކީ، މަސައްކަތުގެ ފަންނުތައް ވަކިކޮށް، އެ ފަންނަކަށް އެކަށޭނެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމެވެ. މި ފްރޭމްވޯކްގެ މަޤްޞަދަކީ ހަމައެކަނި މުސާރަ ބޮޑުކުރުމެއް ނޫނެވެ. އެއީ މަސައްކަތުގެ ބާވަތާއި، ބުރައާއި، ފަންނުވެރިކަމަށް ބަލައި، އިންސާފުވެރިކަމާއެކު މުސާރަ ދިނުމުގެ ނިޒާމެއް ޤާއިމުކުރުމެވެ. މިއީ ދައުލަތުގެ ޚިދުމަތަށް ފަންނުވެރި، ދާއިމީ މުވައްޒަފުން އިތުރުކުރުމަށްޓަކައި އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

ފަންނުތައް ވަކިކޮށް، ޚާއްޞަ ހުނަރަށް އަގު ދިނުން

ކުރީގެ މުސާރަ ދިނުމުގެ ނިޒާމުގައި އެއް މަޤާމެއްގެ ދަށުން ތަފާތު ހުނަރުތަކަށް އެއްވަރަކަށް މުސާރަ ދިނުމުގެ ސަބަބުން، ޚާއްޞަ ހުނަރުތަކަށް އެކަށޭނަ އަގެއް ނުލިބޭ ކަމުގެ ޝަކުވާ އޮތެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކްގައި މިކަމަށް ބޮޑު ބަދަލެއް ގެނެސްފައިވެއެވެ. މިސާލަކަށް، ޑްރައިވަރުންގެ ތެރޭގައިވެސް ތަފާތު ވެހިކަލްތައް ދުއްވާ ޑްރައިވަރުން ތިބޭއިރު، ހެވީލޯޑު ވެހިކަލް ދުއްވާ ޑްރައިވަރުންނަކީ ތަފާތު ސްކިލްތަކެއް ބޭނުންވާ އަދި ބުރަ މަސައްކަތެއް ކުރާ ބައެކެވެ. އެހެންކަމުން، މި ފްރޭމްވޯކްގެ ދަށުން މިފަދަ ޚާއްޞަ މަސައްކަތްތަކަށް ކާރު ޑްރައިވަރުންނާ ތަފާތު މުސާރައާއި ޢިނާޔަތްތައް ލިބިގެންދާނެއެވެ. މިއީ މަސައްކަތުގެ ބާވަތާއި، އުފުލަންޖެހޭ ބުރައާއި، ބޭނުންވާ ފަންނުވެރިކަމަށް ބަލައި އުޖޫރަ ކަނޑައެޅުމުގެ އަސާސެވެ.

ރިސްކާއި، މަސައްކަތުގެ މާހައުލަށް ރިޢާޔަތްކުރުން

މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގައި ހަމައެކަނި ފަންނުވެރިކަމަށް ނޫންކަމަށް ބަލާއިރު، މަސައްކަތްކުރަންޖެހޭ މާހައުލާއި، މަސައްކަތުގައި ނަގަންޖެހޭ ރިސްކަށްވެސް ވަރަށް ބޮޑަށް ރިޢާޔަތްކުރެވިގެންދެއެވެ.

ކުރިން ވަކި އެލަވަންސްއެއްގެ ގޮތުގައި ދެމުން އައި ’ރިސްކް އެލަވަންސް‘ މިހާރު ވަކި އެލަވަންސްއެއްގެ ގޮތުގައި ނުދިން ކަމުގައި ވިޔަސް، މުސާރަ ކަނޑައަޅާފައިވާ ގޮތުން ރިސްކަށް ހުށަހެޅޭ ފަރާތްތަކަށް އެކަށޭނަ ކޮމްޕެންސޭޝަން ލިބިގެންދެއެވެ. މިގޮތަށް މުސާރަ ކަނޑައެޅުމުގެ ސަބަބުން، ހިތްހަމަޖެހުމާއެކު މަސައްކަތްކުރުމުގެ ފުރުސަތު އިތުރުވެ، ދައުލަތުގެ ޚިދުމަތްތައް ދިނުމުގައި ދެމެހެއްޓެނިވި ގޮތަކަށް ފަންނުވެރި މުވައްޒަފުން ބޭތިއްބުމަށް އެހީތެރިވެދެއެވެ.

ތަޢުލީމީ ސެޓްފިކެޓްގެ އިތުރުން މާކެޓް ޑިމާންޑަށް ބެލުން

ޕޭ ފްރޭމްވޯކްގެ ދަށުން މުސާރައާއި ޢިނާޔަތްތައް ބިނާވެގެންވަނީ ހަމައެކަނި ތަޢުލީމީ ސެޓްފިކެޓްގެ ފެންވަރަށް ނޫނެވެ. މުސާރަ ކަނޑައެޅުމުގައި އެ ފަންނެއްގެ ފަންނުވެރިކަމާއި، ފާޑުވެރިކަމާއި، އެ ފަންނަކީ މީހުން ބިނާކުރަންޖެހޭ ފަންނެއްތޯއާއި އަދި އެ ފަންނަކަށް ވަޒީފާގެ ބާޒާރުގައި ޑިމާންޑް އޮންނަ މިންވަރުފަދަ ކަންކަމަށް ބެލެވެއެވެ.

މިސާލަކަށް، އިދާރާތަކުގައި ހިމެނޭ އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި ފައިނޭންސް އޮފިސަރުންނަށް ކުރިން އެއް މުސާރައެއް ލިބުނު ނަމަވެސް، ފައިނޭންސް ދާއިރާއަކީ މާލިއްޔަތު ޤަވާއިދުފަދަ ގަވާއިދުތަކަށް އަހުލުވެރިވެ، ބޮޑު ޒިންމާއެއް އުފުލަންޖެހޭ ދާއިރާއަކަށް ވުމުން، މި ފްރޭމްވޯކްގެ ދަށުން އެ ދާއިރާއަށް ތަފާތު މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވެއެވެ. މިއީ ވަޒީފާގެ ބާޒާރުގައި ޚާއްޞަ ހުނަރުތަކަށް އޮންނަ އަގު ދައުލަތުގެ ތެރެއަށް ގެނައުމުގެ މަސައްކަތެކެވެ.

މުސާރައިގެ ހަމަހަމަކަމާއި ފިސްކަލް ކެޕޭސިޓީ

ދައުލަތުގެ ޕޭ ފްރޭމްވޯކްގެ އެއް މަޤްޞަދަކީ ތަފާތު އޮފީސްތަކުގައި އެއް މަސައްކަތެއް ކުރާ މުވައްޒަފުންނަށް މުސާރައިގެ ހަމަހަމަކަން ކަށަވަރުކުރުމެވެ. މީގެ ކުރިން އޮފީސްތަކުގެ ތެރޭގައި ތަފާތުތައް ހުރުމުގެ ސަބަބުން ހަމަހަމަކަން ގެއްލިފައިވިއެވެ. ނަމަވެސް، މި ފްރޭމްވޯކްގެ ދަށުން ފަންނުތަކަށް ކަނޑައަޅާފައިވާ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ ދައުލަތުގެ ފިސްކަލް ކެޕޭސިޓީއަށް، ނުވަތަ ކެރިފޯރުންތެރިކަމަށް ރިޢާޔަތްކުރެވިގެންނެވެ. މާނައަކީ، މުސާރަ ބޮޑުކުރި ނަމަވެސް، ދައުލަތުގެ މާލީ ހާލަތަށް ދެމެހެއްޓެނިވި ގޮތަކަށް މި ބަދަލުތައް ގެނެސްފައިވާކަމެވެ.

އިތުރުގަޑީގެ އެލަވަންސް ކެޕްކުރުމުގެ މަޤްޞަދު

މި ފްރޭމްވޯކް ތަންފީޒުކުރުމާ ގުޅިގެން ދިމާވެފައިވާ އެއް ކަންބޮޑުވުމަކީ އިތުރުގަޑީގައި މަސައްކަތްކުރާނަމަ ލިބޭ އެލަވަންސް 10% އަށް ކެޕްކުރުމެވެ. ނަމަވެސް، މިކަމުގެ މައިގަނޑު މަޤްޞަދަކީ ހަމައެކަނި މުސާރަ އިތުރުކުރުމުގެ ނިޔަތުގައި އިތުރު ގަޑީގައި މަސައްކަތްކުރުމުގެ ސަގާފަތް ދޫކުރުމެވެ. އަދާކުރާ ވަޒީފާގެ މުސާރައަކީ އެ މަސައްކަތަށް އެކަށޭނެ މުސާރައަކަށް ހެދުމަށްފަހު، އިތުރުގަޑީގެ ބޭނުން ހިފެންވާނީ ހަމައެކަނި ޚިދުމަތް ދިނުމަށް ހުރިހާ ގޮތަކުންވެސް މަޖުބޫރުވާ ހާލަތްތަކުގައެވެ. މިއީ ދައުލަތުގެ މުވައްޒަފުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކޮށް، މަސައްކަތުގެ ހަމަޖެހުން އިތުރުކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ.

ދައުލަތުގެ ޕޭ ފްރޭމްވޯކަކީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް އަގު ދިނުމުގެ ނިޒާމަށް ގެނެވުނު އިންޤިލާބީ ބަދަލެކެވެ. މި ބަދަލުގެ ސަބަބުން ފަންނުވެރި މުވައްޒަފުންނަށް ދައުލަތުގެ ޚިދުމަތުގައި ދެމިތިބުމަށް ހިތްވަރު ލިބި، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ. މަސައްކަތުގެ ބާވަތާއި، ބުރައާއި، ރިސްކަށް ބަލައި އުޖޫރަ ކަނޑައެޅުމުގެ ސަބަބުން، ދައުލަތުގެ ޚިދުމަތަކީ ޤާބިލު މީހުންނަށް އިތުރަށް އާކަރުވާ އަދި އިންސާފުވެރި މާހައުލަކަށް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: