ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަނުގެ އެމްޑީއާއި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއިއެކު ބޮޑު ތަރުހީބެއް ”ނޭޝަނަލް ޓޯޗް ރަން“އަށް އެ ކުންފުނިން ދީފިއެވެ.
ޤާނޫނު ނަންބަރ 15/2010 ”ދުންފަތް ކޮންޓްރޯލް ކުރުމާއިބެހޭ ޤާނޫނު“ އަށް ގެނެވުނު 2 ވަނަ އިޞްލާޙު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމާއިއެކު، 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވާ އެއްވެސް ފަރާތެއް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެގެންދާނެއެވެ. އެހެންކަމުން، މިކަމުގެ މުނާސަބަތުގައި، ”ޓޮބޭކޯ ޖެނެރޭޝަނަލް ބޭން ޓޯޗް ރަން“ގެ ނަމުގައި 24 ގަޑިއިރަށް ކުރިއަށް ގެންދާ ދުވުން 31 އޮކްޓޯބަރު 2025 ވަނަ ދުވަހުގައި ވަނީ ފަށައިފައެވެ.
އެގޮތުން، ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް، ހުއްޓުމެއްނެތި 24 ގަޑިއިރަށް ކުރިއަށްގެންދާ މި ދުވުމުގައި، އެޗްޑީސީގެ އެމްޑީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުގެ އިތުރުން މުޅި ނިސްބަތްވާނެ ފަދައިން، ކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭން ހިމަނައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް މިއަދު އަމަލުކުރަންފަށާއިރު، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މުޖްތަމައުއަށް ފައިދާހުރި ކަންކަމުގައި އެޗްޑީސީގެ ޓީމުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އެޗްޑީސީން ބުނިއެވެ. އަދި، އެޗްޑީސީގެ އަމާޒަކީ، މުސްތަގުބަލުގައި ސަރުކާރުން ކުރިއަށް ގެންދާނެ، މިފަދަ ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުންކަމަށާއި، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމުގައި އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެޗްޑީސީން ބުނިއެވެ.

