ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ ސިޔާސީ ކެރިއަރު ކުރިއެރުވުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލު އިހުތިޔާރުކުރަމާ ހިނގާ!

ސިޔާސީ ޕާޓީއެއްގެ ހަރަކާތެއް. ފޮޓޯ: ޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަސައްކަތަކީ ގައުމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި މަގުކަމަށް ވާއިރުވެސް، ބައެއް ފަހަރު ސިޔާސީ ލީޑަރުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ސިޔާސީ ކެރިއަރާއި ގައުމުގެ ދުރު މުސްތަގުބަލާ ދެމެދު އިޚްތިޔާރު ކުރުމެވެ. ކުރު މުއްދަތުގެ މަޝްހޫރުކަމާއި، އިންތިޚާބީ ކާމިޔާބަށްޓަކައި، ދުރު ރާސްތާގައި ގައުމަށް ފައިދާހުރި ނަމަވެސް، އެވަގުތަށް ނުތަނަވަސްކަން ގެނެސްދާނެ ނިންމުންތައް ނުނިންމައި ދޫކޮށްލުމުގެ ސަބަބުން ގައުމުގެ ކުރިމަގު ބަނަވެގެންދެއެވެ.

މިކަމުގެ އެންމެ ފާހަގަކޮށްލެވޭ މިސާލެއްގެ ގޮތުގައި ފެނިގެންދަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުމަށް ސަރުކާރުން ގެނެސްފައިވާ ޖެނެރޭޝަނަލް ބޭންއާ ގުޅިގެން ހިނގާ ސިޔާސީ ބަހުސްތަކެވެ. މިފަދަ ސިޔާސަތުތަކަކީ ހަގީގީ ގައުމީ ލީޑަރޝިޕްގެ ނަމޫނާއެވެ. އެހެންކަމުން، އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް، ގައުމުގެ މުސްތަގުބަލަށް އިސްކަންދިނުމަކީ އަޅުގަނޑުގެ ހިޔާލުގައި ކޮންމެ މީހެއްގެ ވެސް ގައުމީ ވާޖިބެކެވެ. ސަބަބުތައް ވެސް ހިއްސާކޮށްލާނަމެވެ.

ސަރުކާރުން ވަނީ އާންމުންގެ ހިޔާލަށް އަހާ، ސޯޝަލް މީޑިއާގައި ޕޯލްތަކެއްވެސް ހުޅުވާލުމަށްފަހު، 2007 ޖެނުއަރީ 1 ގެ ފަހުން އުފަންވެފައިވާ އަދި އުފަންވަމުން އަންނަ ކުދިން ދުންފަތާއި ދުރުހެލި ކުރުމުގެ ގޮތުން ޖެނެރޭޝަނަލް ބޭންއެއް ގެނައުމަށް ނިންމާފައެވެ.

ގާނޫނުގެ ދަށުން، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން މަނާވާނެއެވެ.

މީގެ އިތުރުން، ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުންވެސް ވަނީ މަނާކުރެވިފައެވެ. މި ޤާނޫނުގެ މައިގަނޑު އަމާޒަކީ މި ޖީލު ހެދި ބޮޑުވެ ހަރު މީހުންނަށް ވާއިރު، މުޅި މުޖުތަމަޢަކީ، ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމެވެ.

ދުންފަތް ކޮންޓްރޯލްކުރުން މުހިންމުވެފައިވަނީ އެއިން ސިއްޙީ ގޮތުން ކުރިމަތިވާ ގެއްލުންތަކާއި، އަދި އެއިން ނިކުންނަ ނޭދެވޭ އިޖުތިމާޢީ މައްސަލަތަކުގެ ސަބަބުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ދިމާވާ ސިއްޙީ މައްސަލަތަކުގައި އަހަރަކު 7 މިލިއަނަށްވުރެ ގިނަ މީހުން މުޅި ދުނިޔެއިން މަރުވެއެވެ. ސިނގިރޭޓް ބޭނުންކުރާ ކޮންމެ ފަހަރަކު ދުމާއެކު 4000 އަށްވުރެ ގިނަ ކެމިކަލްގެ ބާވަތްތައް ހަށިގަނޑަށް ވާސިލްވެ، ތަފާތު 43 ވައްތަރެއްގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ.

ރާއްޖެއަށް ބަލާއިރުވެސް އެންމެ އާއްމު އެއް ކެންސަރުގެ ބާވަތަކީ އަންގައިގެ ކެންސަރެވެ. އަދި ފުއްޕާމޭގެ ކެންސަރުގެ މީހުންވެސް ހިމެނެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ފުއްޕާމޭގެ ކެންސަރުގައި މަރުވާ މީހުންގެ %24 މީހުންނަކީ ސެކަންޑްހޭންޑް ސްމޯކާސްއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މުޅި ގައުމުގެ ސިއްހީ ނިޒާމަށް ބޮޑު ބުރައެއް އުފުލުވާ ކަމެއްކަން އެނގިގެންދެއެވެ. އެހެންކަމުން، މި ޤާނޫނަކީ އަންނަން އޮތް ޖީލުތަކުގެ ސިއްޙަތު ރައްކާތެރިކުރުމަށްޓަކައި ނިންމި ޤައުމީ ނިންމުމެކެވެ.

ދުންފަތުން ހަށިގަނޑަށް ނުވަތަ ތިމާގެ ދިރިއުޅުމަށް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށް ހުރިހާ ފަރާތަކުންވެސް އިއްތިފާގުވެއެވެ. ނަމަވެސް، މިފަދަ ދުރު ރާސްތާގެ ފައިދާހުރި ސިޔާސަތަކަށް ސިޔާސީ ބޭނުމަށް ނަފްރަތާއި، ފިތުނަ އުފެއްދުމުގެ މަގްސަދުގައި ފާޑުކިޔުންތައް އަމާޒުކުރާ މަންޒަރު ފެނިގެންދެއެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ޒުވާނުން ހާލުގައި ޖައްސާ، ނިކަމެތިކޮށް “ބިޑި އޮޅަން ޖައްސައިފި” ކަމަށް ބުނެ، މި ޤާނޫނަށް ފާޑުކިޔާފައެވެ. މިއީ ހަގީގަތާ ހިލާފު، ހަމައެކަނި ސިޔާސީ މަންފާއަށްޓަކައި އާންމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތެކެވެ.

ގައުމުގެ ސިއްހަތާއި، މުސްތަގުބަލަށްޓަކައި ނިންމާފައިވާ ނިންމުމަކަށް މިފަދަ ފާޑުކިޔުންތައް އަމާޒުކުރުމަކީ، އަމިއްލަ ސިޔާސީ ކެރިއަރު ކުރިއެރުވުމަށްޓަކައި ގައުމުގެ މަސްލަހަތު ޤުރުބާންކުރަން ތައްޔާރުވާ މީހުންގެ ސިފައެވެ. ސިޔާސީ ލީޑަރުންގެ ވާޖިބަކީ ވޯޓު ލިބޭނެ މަގުތަކަށް ބެލުމުގެ ބަދަލުގައި، ގައުމަށް އެންމެ ފައިދާހުރި ނިންމުންތައް ނިންމުމެވެ.

އަޅުގަނޑުގެ ހިޔާލުގައި ހަގީގީ ގައުމީ ލީޑަރޝިޕްގެ މާނައަކީ ކުރު މުއްދަތުގެ މަޝްހޫރުކަމަށް ވުރެ، ދުރު ރާސްތާގެ ގައުމީ ފައިދާއަށް އިސްކަންދިނުމެވެ. ދުންފަތުގެ ބޭން ފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ހިތްވަރާއި، ހަރުދަނާކަން ބޭނުންވެއެވެ.

ސިޔާސީ ބަހުސްތަކުގައި ބައިވެރިވާ ފަރާތްތަކުންނާއި، އިސް މަގާމުތަކުގައި ތިބޭ މީހުންނަށް ގޮވާލަންޖެހެނީ، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ގައުމުގެ މުސްތަގުބަލު ނުރައްކަލުގެ ތެރެއަށް ނުލުމަށެވެ. ގައުމުގެ މުސްތަގުބަލު ބިނާކުރެވޭނީ ހަމައެކަނި ސިޔާސީ ކެރިއަރުގެ ދާއިރާއިން ބޭރުން ނިންމޭ ހިކުމަތްތެރި ނިންމުންތަކުގެ ސަބަބުންނެވެ. އިންތިޚާބުތަކަށް ވުރެ، އަންނަން އޮތް ޖީލުތަކަށް ސިއްހަތާއި އުފާވެރިކަން ލިބިދިނުމަށް ކުރާ މަސައްކަތަކީ، ކޮންމެ ލީޑަރަކުވެސް އިސްކަންދޭންޖެހޭ ކަމެކެވެ.

ދުންފަތުގެ ޖެނެރޭޝަނަލް ބޭންއަކީ ހަމައެކަނި ސިއްހީ މައްސަލައެއް ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް ނޫނެވެ. މިއީ ދިވެހި ގައުމުގެ މުސްތަގުބަލަށްޓަކައި ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެކެވެ.

ސިޔާސީ ލީޑަރުންނާއި، އާންމު ރައްޔިތުންވެސް، އަމިއްލަ ސިޔާސީ މަސްލަހަތު އެއްފަރާތްކޮށް، ގައުމީ މަސްލަހަތަށް އިސްކަންދިނުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެކެވެ. ގައުމުގެ ކުރިމަގު ބައްޓަންކުރެވޭނީ، ވޯޓުގެ ގޮނޑިތަކަށް ވުރެ، ގައުމުގެ ދިގު މުއްދަތުގެ ފައިދާއަށް އިސްކަންދީގެން ނިންމޭ ނިންމުންތަކުގެ ސަބަބުންނެވެ. އެހެންކަމުން، އަމިއްލަ ސިޔާސީ ކެރިއަރު ކުރިއެރުވުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލު އިހުތިޔާރުކުރަމާ ހިނގާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: