ސްކޫލްތަކުން ވޭޕް ސްޓިކް ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ނޮވެމްބަރު 1 އިން ފެށިގެން ތަންފީޒު ކުރަން ފަށާފައިވާ ”ޖެނެރޭޝަނަލް ބޭން“ ގެ ހާއްސަ ޓީވީ ކަވަރޭޖެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. މި ކަވަރޭޖުގައި ބައިވެރިވެވަޑައިގެން ޝަފީއު ވިދާޅުވީ މިއީ ސިޠާސަީކަމެއްގެ ގޮތުގައި ނުދެކި ގައުމުގެ ކުރިމަގަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށް އެދޭކަމަށެވެ.
ޝަފީއު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި، ޖެނެރޭޝަނަލް ބޭންއަށް ސްކޫލް ދަރިވަރުން އަހުލުވެރި ކުރުވުމަށް ތަފާތު އެކި ޕްރޮގްރާމްތައް ކުރިޔަށް ގެންދާނެކަމަށް ވެސް ވިދާޅުވެފަ އެވެ.
މިއީ ދަރިވަރުންގެ ދުޅަހެޔޮކަމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުން ދުވާލަކު 50 އާއި 60 އާ ދެމެދުގެ އަދަދަކަށް ވޭޕް ސްޓިކް ފެންނައިރު، މިހާރު ހަފުތާއެއްގެ މައްޗަށް ދެ ވޭޕް ސްޓިކް ވެސް ނުފެންނަ ކަމަށެވެ.
ޝަފީއު ވިދާޅުވި ގޮތުގައި މިއީ ދަރިވަރުންގެ މުސްތަގުބަލަށްޓަކައި އެޅިގެން ދިޔަ ފިޔަވަޅުތަކާއި އެކު، ނެރެވުނު ވަރަށް ރަނގަޅު ނަތީޖާއެކެވެ.
ޖެނެރޭޝަނަލް ބޭންއާއި، ވޭޕް ބޭނުން ކުރުން މަނާކުރުމަށް ނިންމައި ރާއްޖެއިން އަޅަމުން ގެންދާ ފިޔަވަޅުތަކާއި އެކު މިއަދު ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކަށް ނަމޫނާ ގައުމެއްކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި މި ކާމިޔާބީއަކީ ހުރިހާ ދިވެހިންނާއި، ބެލެނިވެރިންނާއި ދަރިވަރުން އަދި މުދައްރިސުން ފަހުވެރިވާންޖެހޭ ފަދަކަމެއްގެ ގޮތުގައި ޝަފީއު ވިދާޅުވި އެވެ.
ކުރީގައި އަޅުގަނޑުމެން މާލެ އޭރިޔާ ބެލިކަމުގައި ވިޔަސް މެ ދުވާލަކު ފަންސާސް.. ފަސްދޮޅަސް ވޭޕް ސްޓިކް އަޅުގަނޑުމެންނަށް ފެނޭ. އެހެން ނަމަވެސް މިހާރު ހަފުތާއެއްގެ މައްޗަށް އެކެއް، ނޫނީ ދޭއް ވެސް ނުފެނެއޭ ހަމަ ބުނާ ވަރަށް މަދު ވެއްޖެ… ވަރަށް ބޮޑު ކުރިއެރުމެއް ވަރަށް ބޮޑު އެޗީވްމަންޓެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ.. އެއީ ދަރިވަރުންގެ ހެވާ ލާބިއަށްޓަކައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ހަގީގަތުގައި ސަރުކާރުން ނިންމި ނިންމުމެއް. އެއާއި ވިދިގެން އައި ކަމެއް ދުންފަތުގެ ޖެނެރޭޝަންގެ ބޭން، ހަގީގަތުގައި މި ތައާރަފް ވެގެން މިއައީ އައުމަކީ.
ޖެނެރޭޝަނަލް ބޭންއާއި އެކު 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިން ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމާއި، ވިއްކުން މަނާވާނެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި އިސްލާހެއްގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އަހަރުން 21 އަހަރަށް ވަނީ މަތިކޮށްފައެވެ.

