ހުޅުމާލެ އޮންނަން ޖެހޭނީ، މާލެއާއި ވަކިން ވަކި ސިޓީއެއްގެ ގޮތުގައިކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރ ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުން ވަކިވުމަށް ބޭނުންވާކަމަށް ބުނެ ކަންބޮޑުވުންފާޅު ކުރަމުން ގެންދާތީ މިދިޔަ ހަފްތާގައި އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ހިޔާލު ނެގުމުގެ ވޯޓެއް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
މި ވޯޓުގައި ފޭދޫ ރައްޔިތުން ނިންމީ އެ ރަށާއި އެއްފަސްކޮށް އޮތް އެހެން ރަށްތަކޭ ވެސް އެއްގޮތަށް ސިޓީ ކައުންސިލްގެ ދަށުގައި އޮތުމަށެވެ. ނަމަވެސް އެ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ، މީދޫ ރައްޔިތުން ނިންމީ ސިޓީ ކައުންސިލުން ވަކިވާށެވެ.
އެހެންވެ އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގައި ހުޅުދޫއާއި، މީދޫއަށް ކައުންސިލް ރައީސެއް ހޮވާނެ އެވެ. މި ވޯޓާއި އެކު ހުޅުމާލެއަކީ ވެސް ވަކި ސިޓީއެއްގެ ގޮތުގައި ހަދަން ޖެހޭތަނެއްކަމަށް ބުނެ ވާހަކަތައް ވަނީ ދެކެވެން ފަށާފަ އެވެ.
ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން އަންނަ ހުޅުމާލެ ވަކި ސިޓީއަކަށް ހެދުމަށް ވަކާލާތު ކުރައްވައި ޝަމްހީދު ވިދާޅުވީ ހުޅުމާލެއަށް ހައްގީ ވެސް ވަކި ކައުންސިލްއެއްގެ ގޮތުގައޮ އޮތުން ކަމަށެވެ.
ޝަމްހީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި ހިމެނޭ ސުޕަ މެޖޯރިޓީން، ހުޅުމާލެއަށް އެންމެ މަސްލަހަތު ހުރި ގޮތަށް އަމަލު ނުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނުވަތަ އެގޮތަށް މަސައްކަތް ނުކުރުން އެކަށީގެންވާކަމަށެވެ،
ޝަމްހީދު ވިދާޅުވީ އެހެން ސިޓީއެއްގެ ބަޔަކު، ދެންަ އޮތް ސިޓީގެ ކަންކަމަށް ބަސް ބުނެ ހިންގުމަކީ އަމަލީ ގޮތުން ކަން އޮންނަން ޖެހޭ ގޮތެއް ނޫން ކަމަށެވެ.
ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ނަމަވެސް ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.
މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން އެކަމާއި ގުޅުން ހުރި މަސައްކަތްތައް މީގެ ކުރިން ކުރެވިފައި ވެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން ގެންދަނީ އެޗްޑީސީންނެވެ.

