މާލޭގެ ބިން ދޫކުރުން އެންމެ ރަނގަޅު ގޮތަކީ، ”ވެށިފަހި މާލެ“ ޕްރޮގްރާމްގެ ދަށުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ރަށްވެހިންނަށް ބިން ދޫކުރުމާއި ގުޅޭގޮތުން އަނެއްކާވެސް ބަހުސްތައް ފެށުނީ، ބޯހިޔާވަހިކަމުގެ ދިފާއުގައިކަމަށް ބުނެ އެމްޑީޕީން ބޭއްވި އެއްވުމަކަށް މަދު އަދަދެއްގެ މަދު ބަޔަކު ނިކުމެފައި ވާތީ އެކަމަށް އަމާޒުވީ ފާޑުކިއުންތަކާއި އެކު އެވެ. ރައްޔިތުންނަށް ގޯއްޗާއި، ފްލެޓު ދޫކުރުމަށް މި ސަރުކާރުންވީ ވައުދު ނުފުއްދާކަމަށް ބުނެ އެމްޑީޕީން ބޭއްވި އެއްވުމުގައި މަދު ބަޔަކު ނިކުތް ސަބަބެއްކަމަށް ގިނަ ބަޔަކު ބުނީ، އެ ޕާޓީން ވެސް ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުންނެވެ.
އެގޮތުން ވެރިކަން ނިމުމާއި ގާތްވެފައި ވަނިކޮށް، ހިލޭ ބިން ދޫކުރުމާއި ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކުގެ ބަދަލުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި ލިސްޓުގައި ނަން ހިމެނުމުގެ ތުހުމަތު ހިމެނެ އެވެ.
މާލޭގެ ރަށްވެހިންނަށް ހާއްސަކޮށް ގޯތި ލިބެން ޖެހޭކަމަށް ވަކާލާތު ކުރުމުން، އެކަމާ ބައެއް މީހުން ދެކޮޅު ހަދަ އެވެ.
މި މައްސަލައިގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިން ދޫކުރުން އެންމެ ރަނގަޅީ ”ވެށިފަހި“ މާލެ ޕްރޮގްރާމް ގޮތަށް ކަމަށެވެ. އެއީ މާލެއިން ލިބޭ ބިން ދޫކޮށްލާ ގޮތަށް އެމަނިކުފާނުގެ ވެރިކަމުގައި ހިންގި ޕްރޮގްރާމެކެވެ.
މާލޭގެ ރަށްޔިތުންނަށް އެހެން ރަށްތަކުން ވެސް ބިން ލިބުން މުހިންމުކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޒަމަނުއްސުރެ މާލެއަކީ ވަކިބައެއްގެ ތަނެއް ނޫންކަމަށެވެ. އަދި އެކަން އެމަނިކުފާނު ލިޔުއްވާފައިވާ ”ކިއްލާ މާލެ“ ފޮތުގައި ވެސް ލިޔެފައިވާނެކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 1750 ވަނަ އަހަރުގައި މާލޭގެ ބޯހިމެނުން ކުރިޔަށް ގެންދިޔަ ނަމަ ފެންނާނީ މާލޭގައި ގިނައިން ދިރިއުޅުނީ ސަރަހައްދީ ކަރަތަކުގެ މީހުންނާއި ރާއްޖޭގެ އެކި ރަށްތަކުގެ މީހުން ކަމެވެ.
މިސާލު ދައްކަވައި ރައީސް ނަޝީދު ވިދަޅުވީ މިހާރު ކެލާގެއިން ފެށިގެން މާވެޔޮ އަތިރިއާއި ހަމައަށް އެހީ ޖެލާ އެދުރު ކަލޭފާނު ގޯތިކަމަށެވެ. އަދި އައްޑޫ ސިއްކަގެ އެއީ މިހާރުގެ ސިއްކަގެއިން ފެށިގެން މާލެ އުތުރު އަތިރިއަށްކަމަށް ވިދާޅުވި އެވެ.

