ދިފާއީ ސިޔާސަތެއްގެ އެންމެ އަސާސީ ތަނބަކީ ގައުމަށް ވަފާތެރި ޖީލުތަކެއް ބިނާކުރުންކަމަށާއި، މި ސަރުކާރުންވަނީ އެ މަސައްކަތްތައް ފަށާފައިކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ޣައްސާން ވަނީ، ރާއްޖޭގެ ދިފާއީ ކަންކަން ހަރުދަނާކުރުމަށް މީގެ އަހަރުތަކެއް ކުރިން ގޮވާލި ގޮވާލުމަށް 15 ވަރަކަށް އަހަރުގެ މަތިން އަޅާނުލެވި އޮތުމަށްފަހު، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއިއެކު ނިމުމެއް އައިސް، ރާއްޖޭގެ އަސްކަރިއްޔާ ޒަމާނާ އެއް ހަމަ ކުރުމުގެ މަސައްކަތްތައް ފެށިގެން ގޮސްފައިވުމަށް އެމަނިކުފާނަށް ޝުކުރު ހައްގުކަން ހިއްސާކުރައްވާފައެވެ.
މިނިސްޓަރު ޣައްސާން ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހެއްގެ ތެރޭގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލުކުރެވިފައިވާކަމަށެވެ. އަދި ބައެއް ކަންކަމަކީ އާންމުކޮށް އިނގެން އޮތް ކަންކަން ނަމަވެސް، ނިމިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާއާއި ހަމައިން މި އަހަރުގެ ނިޔަލަށް ބަލާއިރު އެފަދަ ބައެއް ކަންކަން ހަނދާނަށް އަންނަ ކަމަށެވެ.
އެގޮތުން، ދިފާއީ ސިޔާސަތެއްގެ އެންމެ އަސާސީ ތަނބަކީ ގައުމަށް ވަފާތެރި، ވާޖިބަށް އިހުލާސްތެރި ޖީލަކަށް ފަހު ޖީލެއް އުފައްދަމުން ގެންދިއުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނިމިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް އެ މަސައްކަތްތައް ފައްޓަވާނެކަން އިއުލާނުކުރެއްވިއިރު، އަސްކަރީ ތާރީހާއި ގައުމަށް ވާފާތެރިވުމުގެ ފިލާވަޅެއް ނެގުމަށްޓަކައި ޖަލްސާކުރާ މާލަމުގައި ދިވެހި ވަތަނީ ހިދުމަތުގެ ލޮބުވެތި ދަރިވަރުން ހާޒިރުވެ ތިއްބެވިކަން އޭނާ ހަނދާންކުރެއްވިއެވެ.
ޣައްސާން ވިދާޅުވީ، ދިފާއީ ސިޔާސަތުގެ އަނެއް މުހިންމު ތަނބަކީ އެއްވެސް މީހެއްގެ މަތިން ހަނދާން ނައްތާނުލާނެކަމުގެ ޔަގީންކަން ހިތުގައި ބިންވަޅު ނެގިފައި އޮތުންކަމަށެވެ. އެކަން ފުރިހަމަކޮށްދެއްވާނެކަންވެސް ރައީސް ވަނީ އިއުލާނުކުރައްވާފައިކަމަށާއި، ޒަމާނާއި އެއްގޮތަށް ގައުމަށް އެކަން ކުރެވޭނެ އެންމެ ރަނގަޅަށް ޝަހީދުންގެ އާއިލާތަކަށް އިނާޔަތްތައް ދެއްވާނެކަން އިއުލާނުކުރައްވައި މިއަހަރު އެ މަސައްކަތްތައްވެސް ފެށިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ މެރީންކޯގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މަސައްކަތްތައް ކުރައްވާނެކަން އިއުލާނުކުރެއްވުމަށްފަހު އެކަންވެސް ހާސިލުކުރުމަށް އަމަލީ މަސައްކަތްތައް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މެރިންކޯގެ މެކަނައިޒްޑް އިންފަންޓްރީގެ މަންޒަރުތައް ފެނިގެންދާނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކޯސްޓު ގާޑު ދެގުނަ ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ތުރުކީވިލާތާއި ދެމެދު އުފެދިފައިވާ ގާތްކަން މެދުވެރިކޮށް ހިލޭ އެހީގެ ގޮތުގައި ލިބުނު ރާއްޖޭގައި އޮތް އެންމެ ބޮޑު އަސްކަރީ މަނަވަރާއި އެހެނިހެން އެފަދަ އުޅަނދުތައްވެސް ދައްކާލުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ޣައްސާން ހާމަކުރެއްވިއެވެ.

