ޤައުމާ އެއްކޮޅަށް ވިސްނާ ރައްޔިތުން ނެތްނަމަ، ސަރުކާރުން ހާސިލުކުރާ ”އަތްލެވޭ ތަރައްޤީގެ“ ބޭނުމެއް ނޯންނާނެ ކަމަށް ރައީސް ޑޜ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަންކަމާއި ދިވެހިވަންތަކަން ރައްކާތެރިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް މިހެން ވިދާޅުވީ، ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ނޭނގި ޣާފިލުކަމުގައި ތިބެގެންވެސް ޤައުމުގެ މިނިވަންކަން ނެތިދާނެކަމަށް ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ދިވެހިންގެ ދިވެހިވަންތަކަން ގެއްލުވާލުމަށް ހިންގޭ ކަންކަމަކީވެސް މިނިވަންކަމަށް ލިބޭ ގެއްލުންތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިނިވަންކަން ރައްކާތެރިކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ޒިންމާއެއްކަމަށާއި، އެކަން ފަޚުރެއްކަމަށް ދެކުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ރައީސް އިޝާރާތް ކުރެއްވީ ”އެންމެ ބާރުގަދަ ހަތިޔާރަކީ ތިމާގެ ސިކުނޑިކަން“ ހަނދާންކުރުމަށެވެ.
ބަވަނަވެފައިވާ ދުނިޔޭގެ ހަގީގަތްތަކަށް ބަލާއިރު، ލިބެން ހުރި ފިލާވަޅުތަކަށް ރިއާޔަތްކޮށް، އަމިއްލަ މަސްލަޙަތަށްވުރެ ޤައުމު އިސްކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޤައުމަށްޓަކައި ޚިދުމަތްކޮށްދޭން އަޒުމު ކަނޑައެޅުމަކީ މުހިއްމުކަމެއް ކަމަށާއި، ޤައުމާ އެއްކޮޅަށް ވިސްނުމަކީވެސް އެއީ ކަމަށެވެ. ޤައުމެއް ޤައުމަކަށް ވެގެންދަނީ އެ ޤައުމެއްގެ ރައްޔިތުން ވިސްނާ ވިސްނުމާއި ދެކޭ ގޮތުގެ މައްޗަށް ބިނާވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ވިސްނުން ޤައުމީ މަސްލަހަތާ އެއްގޮތަށް ނުދާނަމަ، ސަރުކާރުން ހާސިލުކުރާ ”އަތްލެވޭ ތަރައްޤީގެ“ ބޭނުމެއް ނޯންނާނެ ކަމަށެވެ. މިސާލެއްގެ ގޮތުން ފަތުރުވެރިކަމާ ދެކޮޅަށް ބަޔަކު މަސައްކަތްތަކެއް ކުރާތަން ފެނިދާނެކަމަށް ވިދާޅުވެ، ޤައުމާ އެއްކޮޅަށް ވިސްނާނަމަ އެފަދަ ޙަމަލާތަކުންވެސް ރެކެވިދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ވަނީ ފުލުހުންނާއި ސިފައިންގެ ޚިދުމަތް މިހާރަށްވުރެވެސް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވާފައެވެ.
އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައިވެސް އެ ދެ މުއައްސަސާގެ ހިދުމަތްތައް ހަރުދަނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހިވަންތަކަން އިސްކޮށް، މިނިވަންކަން ހިމާޔަތް ކުރުމަށް އަބަދުވެސް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

