އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ އޯއައިސީގެ އެންގުމަކަށްތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ފަށައިފި އެވެ.
ޝަމީމް ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްއެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އާޒިމް ފޮނުވި ސިޓީގައި ވަނީ އޯއިސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ޝަހީމް ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ބަލައިދިނުމަށްޓަކައެވެ.
އާޒިމްގެ މައްސަލަ ބެލުމަށް މިހާރު ވަނީ، މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކައި ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީއަށް އެ މައްސަލަ ފޮނުވިކަން އިއުލާން ކުރައްވައި ނަޝީދު ވިދާޅުވީ ޝަހީމްގެ މައްސަލަ ބަލަމުން އަންނަކަން ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އަންގަވާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ގޮތުން، ޝަހީމްއާއި ގުޅޭ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. ދެ މަސް ދުވަހަށް ފަހު ކޮމިޓީއަށް ސިޓީ ފޮނުއްވާ ރައީސް ނަޝީދު ވަނީ އެކަމާ މާފަށް އެދިވަޑައިގެން ސިޓީ ކޮމިޓީއަށް ފޮނުވުން މާ ބޮޑަށް ލަސްވެފައިވާކަން ގަބޫލު ކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.
މަޖިލިހުން ޝަހީމްގެ މައްސަލައެއް ބަލަމުން އަންނަ އިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލައިގައި އެ ޖަމިއްޔާ އަށް ފިޔަވަޅު އެޅުން ލަސްވާތީ ޝަހީމް ދަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރާއްޖޭގައި ހިނގާ އެހެން ބައެއް ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތަށް ޝަހީމް ދަނީ ހާމަކުރައްވަމުންނެވެ.
އިސްލާމިކް މިނިސްޓަރު ކަމާއި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރުކަން ކުރެއްވި ޝަހީމަކީ މިހާރު އޯއައިސީގެ ގޮފި ”ވޮއިސް އޮފް ވިސްޑޮމް ސެންޓާ“ ގެ ވެރިޔާ އެވެ. އެއީ އޯއައިސީގެ ފިކުރީ ގޮތްޕެވެ. އެ ގޮފީގެ މަގުސަދަކީ އިސްލާމީ ރިސާލަތު ދުނިޔެ އަށް ހާމަކޮށް މެދުމިންކަން ޕްރޮމޯޓް ކުރުމާ އެކު ހަރުކަށި ކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ. އަދި އިސްލާމް ދީނުގެ ރީތި ސޫރަ ދުނިޔެ އަށް އާއްމު ކުރުމެވެ.
ޝަހީމަކީ އިސްލާމް ދީނާ ގުޅޭ ކަންކަމުގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ އިސްލާމިކް އެންސައިކްލޮޕީޑިއާ އޮން ޓޮލަރެންސް ޕްރޮޖެކްޓުގެ ވެސް ވެރިއެކެވެ.

