ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އަރުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. އެ ނަންތައް ޖޭއެސްސީން ތަރުތީބުކޮށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ދިޔާނާ އަދި މަހާޒްގެ ނަންފުޅަކީ ”ހައިލީ ރެކޮމެންޑް“ ނަންތަކެވެ.
ދިޔާނާ އާއި މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު މަޖިލީހަށް ފޮނުވާފައިވާ ސިޓީގެ ކިއުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ. އަދި އެ ނަންތައް ދިރާސާ ކުރުމަށް މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ނިންމެވި އެވެ.
ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަން ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގަ އެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. އެހެންކަމުން ދިރާސާ ކުރުމަށް ފަހު މަަޖިލީހުން ރުހުން ދޭނީ ވެސް އެއް ބޭފުޅަކަށެވެ.
ކުރީ ސަރުކާރު އޮތް އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ވަނީ ފަހަކަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތަކާއެކު އާ މެންބަރު ވަނީ އެ އަދަދު ހަތަކަށް ބަދަލުކޮށްފަ އެވެ. އެއަށް ފަހު ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވައިފަ އެވެ.
އެ ކޯޓަށް އައްޔަން ކުރަން ދެ ނަން މަޖިލީހުގައި ދިރާސާ ކުރަން ފަށާފައިވާ އިރު ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް މިހާރު ޖޭއެސްސީއިން ދަނީ ތަހުގީގު ކުރަމުންނެވެ.

