ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ގެއްލޭ ގޮތަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވީ ކޮންކަމެއްތޯ ވިދާޅުވެ ކުރީގެ ނައިބް ރައީސް ޑޜ މުހައްމަދު ޖަމީލް އަހުމަދު ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.
ޑޜ ޖަމީލްގެ ފާޑުވިދާޅުވުން ރައީސް ނަޝީދަށް މިއަމާޒް ކުރެއްވީ ރާއްޖޭގައި ފަހަކަށް އައިސް ބާއްވާ އެއްވުންތަކުގައި މީހުން މަރަން ގޮވަމުންދާ އިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެއްވެސް ފިޔަވަޅެއް ނާޅުއްވައި ހުންނެވި ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅޫކުރެއްވުމާއި ގުޅިގެންނެވެ.
އިމްރާން ފިޔަވަޅު ނާޅުއްވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ނަޝީދު ފާޅުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕްގަ އެވެ. އަދި ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި ބައެއް މެމްބަރުން ވަނީ އެކަމުގައި ހޯމް މިނިސްޓްރީން އެކަން ނުހުއްޓުވާތީ އެ މިނިސްޓްރީގެ ވެރިންނަށް ފާޑުވިދާޅުވެފަ އެވެ.
މިކަމާއި ގުޅިގެން ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިތުބާރު ގެއްލެން ހޯމް މިނިސްޓަރު ކުރެއްވީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި މަޖިލިސް ރައީސް ބޮޑެތި ތަފާތުކުރުން ގެންގުޅެނީ ކީއްވެގެންތޯ އާއި ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލައެއް ނެތްއިރު ދީން ދިފާޢުކުރާ ފަރާތްތައް ގޯސްވުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ކޮންމެ ބަޔަކު ކުށެއް ކުރި ނަމަވެސް އެކަމެއް ބެލެން ޖެހޭނެ ކަމަށާއި މައްސަލަތައް ބެލުމުގައި ތަފާތު ކުރުން އޮވެގެން ނުވާނެ ކަމަށެވެ.
މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ތިއްބަވާ އެ ގްރޫޕްގައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި އޮތް ހަމަޖެހުން ނަގާލައި މީހުން މެރުމަށް ހިތްވަރު ދޭއިރު، މިނިސްޓަރު އިމްރާނާއި ހޯމް މިނިސްޓްރީގެ ވެރިންގެ އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅުއްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.