ކަޅުވަކަރު މިސްކިތް އަވަހަށް ނިންމުމަށް މަސައްކަތް ނުކުރާ ކަމަށް މިސްކަތް ރޭވުމުގެ ޕްރޮޖެކްޓް މެނޭޖަރ އައިމިނަތް ޝިފާނާ ވިދާޅުވެއްޖެއެވެ.
ކަލު ވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރިއަށް ދާގޮތް ނޫސްވެރިންނަށް ދައްކާލުމަށްފަހު މައުލޫމާތު ދެއްވަމުން ޕްރޮޖެކްޓް މެނޭޖަރ ޝިފާނާ ވިދާޅުވީ މިސްކިތް ރޭވުމުގައި އިސްކަންދެނީ އަވަސްއަރުވާލައިގެން ނިންމުމަށް ނޫން ކަމަށާއި އެކަން އެންމެ ރަނގަޅަކަށް ކުރެވެން އޮތް ގޮތަކަށް ކުރެވޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ.
”ކޮންމެ ބަރިއެއް ބަހައްޓާފައި އެބަ ބަަލަންޖެހޭ ވެލި އަޅާ ދޭތެރޭގެ ގެޕް ފިލްކޮށް، ކުރަންޖެހޭ ބައިވަރު ސެޓިންގްސްތަކެއް ހުރޭ. ކޮންމެ ބަރިއެއްވެސް އަޅާފަ މިހުރިހާ ކަމެއް ބަލާފަ ކުރިއަށް މި ގެންދަނީ.“
މިސްކިތުގެ މަސައްކަތްތަކާއި ގުޅެގޮތުން އޭނާ ވިދާޅުވީ، މެދު މިސްކިތުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު މެދު މިސްކިތުގެ 5 ބަރި ޖަހަން ބާކީ އެބަހުރި ކަމަށެވެ.
“ ކަޅު ވަކަރު މިސްކިތުގެ ޕްލިންޓް ލެވެލް ނުވަތަ ބަރަފޯސް ލެވެލްއާއި ހަމައަށް ނިމިފަ މިހުރީ. މެދު މިސްކިތުގެ މަސައްކަތް އިއްޔެ މި ފެށީ. މެުދމު މިސްކިތުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދެވެން އޮތީ ދިރާއި ކުޑަދޮރާ ހަރުކުރަމުން. އެއީ ކޮންމެ ލޭޔަރ އެއްވެސް ކޮންމެ ބަރިއެއްވެސް އައިސް މި ގުޅެނީ ދޮރުގެ ކަންޏާ. މަސައްކަތްތަށް މިހާރު ހުރީ އެހިސާބުގައި“ ޝިފާނާ ވިދާޅުވިއެވެ.
ކަޅުވަކަރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރައްވަމުންދާ އަޙުމަދު ޒަމީރު ވިދާޅުވީ މިސްކިތް ރޫލާލިއިރު ޖަހާފައިވާ ތަރުތީބު ނަންބަރުތަކުން މިސްކިތް އަލުން ރާވަމުންދާ ކަމަށެވެ.
ރާވަމުންދާއިރު ގަލެއް ބިންދައިގެން ގޮއްސަ އޮވެއްޖެއްޔާ ނޫނީ ތަތްކުރަންޖެހިއްޖެއްޔާ ތަތްކޮށްގެން ރަނގަޅުކޮށްފަ ބަހައްޓަމުން މިގެންދަނީ. ބަހައްޓާއިރުވެސް ކުއްލިޔަކަށް ނެއްޓޭ އެއްޗެހި، މިދެންނެވީ ވަރަށް ހިމަހިމަކޮށް ހުންނަ ރޮނގުތަށްވެސް ހިފޭ ގޮތަކުން ދުރުވެއްޖެއްޔާ އޭތި ރަނގަޅުކޮށްފަ ބަހައްޓަނީ“
މިސްކިތުގެ ގައު ރޭވުމުގެ ބޮޑުބައެއް ނިމިފައިވާއިރު ދެންޖެހޭނީ ފިލްކުރަންޖެހޭ ތަންތަން ފިލް ކުރުން ކަމަށް އަޙުމަދު ޒަމީރު ވިދާޅުވިއެވެ. އާންމުކޮށް ފިލް ކުރުމަށް ބޭނުންކުރަނީ ސްޓްރަކްޗަރަލް ނުވަތަ ޕުޓީ އެޅުން ކަަމަށާއި ނަމަވެސް މިފަހަރު ތަފާތުކޮށްލުމުގެ ގޮތުން ހިރިގާ ބޭނުންކޮށްގެން އެތަންތަން ރަނގަޅުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިސްކިތްތަކީ އާސާރީ ތަނަކަށް ވުމުން މިސްކިތުގައި މީހުން އަރާވަރަށް ”ވަރު“ ހުންނާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އަޙުމަދު ޒަމީރު ވިދާޅުވީ މިސްކިތް ރާވަމުންދަނީ އެންމެ ގިނައިން މީހުން ބޭނުންކުރާނެ ދިމާތަކަށް ވިސްނާ އެތަންތަން ވަރުގަދަކޮށްގެން ކަމަށެވެ.
“ މިސާލަކަށް ސިޑިއަކީ އެންމެ ގިނައިން މީހުން ބޭނުންކުރާނެ އެއްތަން. އެދިމާލަން ވަރު އެބަހުރި. ސްޓަރަކްޗަރަލް އެއްޗެއް ވީމައި ތަފާތު ގޮތަކަށް ވަރުގަދަ ކުރަނީ“

މިސްކިތް ކުރިން ރޫޅާލިއިރު މަތި ވަޑާންގަނޑު ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށާއި ގިނަ އެއްޗެހި ހުރީ ނިރޮޅުން ހަދާފައި ކަމަށެވެ. މިސްކިތް އަލުން ރާވާއިރު މި ތަކެތީގެ ބަދަލުގައި ބޭނުން ކުރާނީހައިވަކަރު ކަމަށް އޭނާ ވިދާޅުވިއެވެ. މަތިވަޑާން ހައިވަކަރުން ހަދަން ނިންމީ މިސްކިތުގެ އާސާރިކަން ނުގެއްލޭގޮތަށް މުސްކުޅިކޮށް ދެއްކުމަށް ކަމަށް އަޙުމަދު ޒަމީރު ވިދާޅުވިއެވެ.
ކުރިން ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް އެތަނުން ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މިސަރުކާރުން ވަނީ ދިރާގު ކުރިން ހުރި ބިމުގައި އެމިސްކިތް އަލުން ބަހައްޓަން ނިންމާފައެވެ.
މިސްކިތުގެ ސިވިލް މަސައްކަތް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސްއާއެވެ. އޭގެ ތެރޭގައި ހިމެނެނީ، މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ވަށާ ފާރު ރޭނުމާއި، މިސްކިތް ބަހައްޓާ ސަރަޙައްދުގެ ލޭންޑްސްކޭޕިންގ ގެ މަސައްކަތްތައް ކުރުން އަދި ލޭންޑްސްކޭޕް ޕްލޭންގައި ވާގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯރ އެގްޒިބިޝަން އެރީއާ ތައްޔާރުކުރުމެވެ.މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ދެ މިލިއަން ރުފިޔާއަށެވެ. މަސައްކަތް ފަށާތާ ގާތްގަނޑަކަށް 4 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރާނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އިން މި މަސައްކަތް ކުރުމަށް ޚާއްސަކޮށް އެކުލަވާލާފައިވާ ޕްރޮޖެކްޓް ޓީމުން ކަމަށް އެ މިނިސްްޓްރީއިން މައުލޫމާތުދޭ.
މިސްކިތް އަލުން ރާވާ މާލޭގެ ސަރަހައްދެއްގައި ބެހެއްޓުމަކީ ރައިސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވައުދެއްކަން ފާހަގަކޮށްލެވެއެވެ.

